ގަތަރުގެ ވެރިރަށް ދޯހާއަށް އިސްރާއީލުން ދިން ވައިގެ ހަމަލާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުށްވެރިކުރައްވައިފިއެވެ. މި ހަމަލާތަކުގައި އިސްރާއީލުން އަމާޒުކުރީ ހަމާސް ޖަމާއަތުގެ ލީޑަރުންތަކެއް ޝަހީދު ކޮށްލުމަށެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވާ ގޮތުގައި، އެ ގައުމުގެ ވައިގެ ސިފައިން ގަތަރުގެ ވެރިރަށަށް ހަމަލާދިނީ ހަމާސްގެ އިސް ލީޑަރުން އަވަހާރަކޮށްލުމުގެ މަގްސަދުގައެވެ. އަދި ހަމާސް ޖަމާއަތް ބަލިކުރުމަށް ތަކުރާރުކޮށް މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް ވެސް އެ ފަރާތުން ވަނީ ހާމަކޮށްފައެވެ.
މި ހަމަލާތައް ދިނީ އިސްރާއީލުގެ އަސްކަރިއްޔާގެ ވެރިޔާ އިޔާލް ޒާމިރު، ހަމާސް ޖަމާއަތުގެ ލީޑަރުންނަށް އަމާޒުކޮށް ހަމަލާ ދޭނެ ކަމުގެ އިންޒާރު ދީފައިވާ ދަނޑިވަޅެއްގައެވެ.
މި ހަމަލާތަކާ ގުޅިގެން ރައީސް މުއިއްޒު މިރޭ "އެކްސް" ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިފަދަ ފިނޑި އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ވަރަށް ބޮޑަށް ހިލާފު ކަންތައްތަކެއް ކަމަށެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި، އިސްރާއީލުން ބައިނަލްއަޤްވާމީ މިންގަނޑުތަކާއި އުސޫލުތަކާ ހިލާފުވަމުން އަންނަ ކަމަށާއި، ދިވެހިރާއްޖެއިން މި ދަނޑިވަޅުގައި ގަތަރާ އެކު ސާބިތުކަންމަތީ ދެމިތިބޭނެ ކަމަށް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވަނީ އިސްރާއީލާ ދެކޮޅަށް ވަގުތުން ފިޔަވަޅުތައް އެޅުމަށް ބައިނަލްއަގްވާމީ މުޖްތަމައަށް ގޮވާލައްވާފައެވެ. އިސްރާއީލުގެ މި އަމަލުތަކަކީ ސުލްހަމަސަލަސްކަމަށް ބުރޫއަރާފައިވާ އަމަލުތަކެއް ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
މި ހަމަލާތައް ގަތަރުން ވެސް ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. ގަތަރުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން މާޖިދު އަލް އަންސާރީ އަލްޖާޒީރާއަށް ވިދާޅުވި ގޮތުގައި، ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ ބައެއް މެމްބަރުން ދިރިއުޅޭ އިމާރާތްތަކަށް އަމާޒުކޮށް ދިން ހަމަލާތައް އެ ގައުމުން ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމަށެވެ. މި މައްސަލަ އެންމެ މަތީ ފެންވަރުގައި ތަހުގީގު ކުރާނެ ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ.
ގަތަރަކީ ހަމާސް ޖަމާއަތާ ގުޅުން ބަދަހިކޮށް، ފަލަސްތީނުގެ މައްސަލައިގައި މެދުވެރިކަމުގެ ދައުރެއް އަދާކުރަމުން އަންނަ ގައުމެކެވެ. އިސްރާއީލުގެ މި ހަމަލާތަކުން ގަތަރުގައި ހިންގަމުންދާ ސުލްހައިގެ މަސައްކަތްތަކަށް ނޭދެވޭ އަސަރުތައް ކޮށްފާނެ ކަމުގެ ކަންބޮޑުވުން ބައިނަލްއަގްވާމީ މުޖްތަމައުން ފާޅުކުރަމުންދެއެވެ.
ކޮމެންޓު ފޮނުވާ