މާލޭގައި ކުއްޔަށް ދޫކޮށްފައިވާ ހުރިހާ ޕާކިން ސްލޮޓްތައް އާންމުންނަށް ހުޅުވާލަނީ

މާލޭގައި ކުއްޔަށް ދޫކޮށްފައިވާ ހުރިހާ ޕާކިން ސްލޮޓްތައް އާންމުންނަށް ހުޅުވާލަނީ

Author
ޙަސަން މުޙައްމަދު
08 ސެޕްޓެމްބަރ 2025 09:32
0

މާލޭގެ މަގުމަތީގައި ކުއްޔަށް ދޫކޮށްފައިވާ ޕާކިން ސްލޮޓްތައް ކެންސަލްކޮށް، އެ ޖާގަތައް އާންމުންނަށް ހުޅުވާލުމަށް ޓްރާންސްޕޯޓް މިނިސްޓްރީން މާލެ ސިޓީ ކައުންސިލަށް އެންގުމާ ގުޅިގެން، އެ ކައުންސިލުން މި ނިންމުން ތަންފީޒުކުރަން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ހާމަކުރެއްވި ގޮތުގައި، މި މަހުގެ ނިޔަލަށް މުއްދަތު ހަމަވާ ޕާކިން ސްލޮޓްތަކުގެ ކުލި އިތުރު ނުކުރުމަށާއި، މުއްދަތު ހަމަވުމުން އެ ޖާގަތައް އިތުރަށް ކުއްޔަށް ދޫނުކުރުމަށް ސިޓީ ކައުންސިލަށް ސަރުކާރުން އަންގާފައިވެއެވެ.

"ހަތަރު ފުރޮޅުލީ ހުރިހާ ޕާކިންތަކަކީ އެންމެންގެ ތަންތަން. މި ނިންމުން ރަސްމީކޮށް އިއުލާނުކުރާނަން،" މޭޔަރު އާޒިމް ވިދާޅުވިއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ބުނި ގޮތުގައި، މި ފިޔަވަޅު އެޅުމުގެ މަޤްޞަދަކީ މާލޭގައި ޕާކުކުރާނެ ޖާގަ ނުލިބުމުގެ މައްސަލަ ހައްލުކޮށް، މަގުމަތީގައިވާ ޕާކިން ޖާގަތައް ހުރިހާ ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި ބޭނުންކުރެވޭ ގޮތް ހެދުމެވެ.

2022 ވަނަ އަހަރު ފެށިގެން މާލޭ މަގުމަތިން ޕާކިން ސްލޮޓްތައް ކުއްޔަށް ދޫކުރަމުން އައިސްފައިވަނީ ޕްރައިވެޓް ކާރުތަކަށް މަހަކު 1500 ރުފިޔާ އަދި ޓެކްސީތަކަށް 700 ރުފިޔާގެ ރޭޓުންނެވެ.

މިދިޔަ އަހަރުވެސް ޓްރާންސްޕޯޓް މިނިސްޓްރީން ޕާކިން ސްލޮޓް ކުއްޔަށް ދޫކުރުން ހުއްޓާލުމަށް އެންގި ނަމަވެސް، އެ ނިންމުން ފުރިހަމައަށް ތަންފީޒު ނުވެ އުޅެފައިވާކަން ފާހަގަކުރެވެއެވެ. މިފަހަރު އަލުން މި ނިންމުން ތަންފީޒުކުރުމާއެކު، މާލޭގައި ވެހިކަލް ޕާކުކުރުމުގެ ދަތިކަން ލުއިވާނެ ކަމަށް އުންމީދުކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.