ދުންފަތް ކޮންޓްރޯލް ކުރުމުގެ ޤާނޫނާ ޚިލާފަށް ދުންފަތުގެ އެކިއެކި ބާވަތްތައް ސިއްރުކޮށް ރާއްޖެ އެތެރެކޮށް ވިއްކާ މައްސަލަ ހައްލުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ޚާއްސަ ފިޔަވަޅުތަކެއް އަޅަން ފަށައިފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ އާންމު ގަވާއިދާ ޚިލާފު ގޮތުގައި ދުންފަތުގެ އެކި ބާވަތްތައް ސިއްރުން ރާއްޖެ އެތެރެކޮށް، ބާޒާރުގައި ވިއްކަމުންދާ ކަމުގެ މަޢުލޫމާތު އެ އިދާރާއަށް ލިބެމުންދާ ކަމަށެވެ. މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ގޮތުން ކަމާބެހޭ އިދާރާތަކާ ގުޅިގެން ޚާއްސަ އޮޕަރޭޝަންތަކެއް ދަނީ ހިންގަމުންނެވެ.
މި އޮޕަރޭޝަންތަކުގެ ތެރެއިން ޤާނޫނާއި ގަވާއިދާ ޚިލާފަށް ރާއްޖެ އެތެރެކުރާ ދުންފަތުގެ ބާވަތްތަކާއި، ޤާނޫނީ ހުއްދަނެތި ވިއްކަމުންދާ ދުންފަތުގެ ބާވަތްތައް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެސް، ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ކަސްޓަމްސްއިން ހާމަކުރެއެވެ.
ކަސްޓަމްސްއިން އާންމުންނަށް އިލްތިމާސް ކޮށްފައިވަނީ، ޤާނޫނާ ޚިލާފަށް އެތެރެކޮށްފައި ހުރި ކަމަށް ޝައްކުކުރެވޭ ދުންފަތުގެ ބާވަތްތަކާއި، ސިއްޙީ ވުޒާރާއިން ލާޒިމުކޮށްފައިވާ އިންޒާރުގެ ނޯޓިސް ނުޖަހައި ހުންނަ ދުންފަތުގެ ބާވަތްތަކާ ގުޅޭ އެއްވެސް މުޢާމަލާތެއް ނުކުރުމަށެވެ. މިފަދަ ތަކެތި ވިއްކާ ނުވަތަ މުޢާމަލާތުކުރާ ފަރާތްތަކުގެ މަޢުލޫމާތު އެނގިއްޖެނަމަ 1416 އަށް ގުޅައި ރިޕޯޓް ކުރުމަށް ކަސްޓަމްސްއިން އެދިފައިވެއެވެ.
އެހެން ކަމަކަށް، ވޮއިސްއަށް ލިބިފައިވާ މަޢުލޫމާތުގައި، މީގެ ދެހަފްތާއެއްހާ ދުވަސް ކުރިން ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު ވޭޕާ ގުޅުންހުރި ގިނަ އަދަދެއްގެ ތަކެތި ކަސްޓަމްސްއިން އަތުލައިގަނެފައިވާ ކަމަށް ބުނެއެވެ. މި ތަކެތި އެތެރެކުރަން މަސައްކަތްކުރީ ސޭފްޓީ ސޫޒްތަކެއްގެ އެތެރެއަށް ލައިގެން ފޮރުވައިގެން ކަމަށް މަޢުލޫމާތު ލިބެއެވެ. އެކަމަކު މި މައްސަލައާ ގުޅޭގޮތުން މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން މިހާތަނަށް ރަސްމީ މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ