ގޭންގުތަކުން ކުޑަކުދިން ކުށަށް ހުށައަޅާކަން ދިރާސާއަކުން ފާހަގަކޮށްފި

ގޭންގުތަކުން ކުޑަކުދިން ކުށަށް ހުށައަޅާކަން ދިރާސާއަކުން ފާހަގަކޮށްފި

Author
ހުސައިން
05 ސެޕްޓެމްބަރ 2025 08:37
0

ރާއްޖޭގައި ކުޑަކުދިން ކުށުގެ މާހައުލަށް ވައްދާ އެންމެ މައިގަނޑު ސަބަބަކީ ގޭންގުތަކުން އެ ކުދިން ބޭނުންކޮށްގެން ކުށްކުރުވުން ކަމަށް އައު ދިރާސާއަކުން ދައްކައިފިއެވެ. އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން (އަރކް) އާއި ޔުނައިޓެޑް ނޭޝަންސް ޗިލްޑްރަންސް ފަންޑުން ގުޅިގެން ކުރި މި ދިރާސާ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބޭއްވި ކުޑަކުދިންގެ އަދުލުގެ ނިޒާމާ ބެހޭ ކޮންފަރެންސްގައި ހާމަކުރިއެވެ.

ދިރާސާއިން ދައްކާ ގޮތުގައި ގޭންގުތަކުން ކުޑަކުދިން ބޭނުންކޮށްގެން މަސްތުވާތަކެތި ވިއްކުމާއި، މީހުންނަށް ގެއްލުންދިނުމާއި، މުދަލަށް އަރައިގަތުން ފަދަ ސީރިއަސް ކުށްތައް ކުރުވަމުން ގެންދެއެވެ. މިކަން ކުރަނީ ކުޑަކުދިންނަށް ގާނޫނުން ލިބޭ އަދަބު ލުއިކަން ބޭނުންކޮށްގެން ކަމަށް ދިރާސާގައި ބުނެއެވެ.

ފުލުހުންގެ މައުލޫމާތުން ދައްކާ ގޮތުގައި 2022 ގެ ޖެނުއަރީން ފެށިގެން މިއަހަރުގެ މާޗަށް، ކުޑަކުދިން ކުށުގެ ތެރެއަށް ވެއްޓުމާ ގުޅޭ 942 މައްސަލަ ރިޕޯޓުކުރެވިފައިވާއިރު، އޭގެ ތެރެއިން 100 މައްސަލަ ޝަރީޢަތަށް ފޮނުވިފައިވެއެވެ.

ގޭންގުތަކުގައި ބައިވެރިވާ ކުދިންނަކީ ޢާއިލީ މައްސަލަތަކާއި އިޤްތިޞާދީ ދަތިކަން ހުރި ޢާއިލާތަކުގެ ކުދިން ކަމަށް ދިރާސާއިން ހާމަވިއެވެ. ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރާ ގާނޫނުގައި ކުޑަކުއްޖަކު ބޭނުންކޮށްގެން ކުށްކުރުވާ މީހަކަށް 3 އަހަރުގެ ޖަލު ހުކުމެއް ކަނޑައަޅާފައި ވީނަމަވެސް، ކުށްކުރާ ކުދިން އަލުން މުޖުތަމަޢަށް އަނބުރާ ގެނައުމަށް ސަރުކާރުން ބޮޑު ޚަރަދެއް ކުރަންޖެހޭ ކަމަށް ދިރާސާގައި ބުނެފައިވެއެވެ.

ދިރާސާގައި ހުށައަޅާފައިވާ ހުށައެޅުންތަކުގެ ތެރޭގައި، ކުދިން ކުށަށް ބޭނުންކުރާ މީހުންނަށް ބޮޑެތި ޖޫރިމަނާ ކަނޑައެޅުމާއި، އެ މީހުންގެ މުދާ ދައުލަތަށް ނެގުމާއި، އެގޮތުން ލިބޭ ފައިސާ ކުދިން ރީހެބިލިޓޭޓް ކުރުމަށް ޚަރަދުކުރުން ހިމެނެއެވެ.

މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ކުދިންނަށް އިޖުތިމާޢީ ރައްކާތެރިކަމާއި ފެންވަރު ރަނގަޅު ތަޢުލީމު ފޯރުކޮށްދިނުމާއި، ޢާއިލާތަކަށް ރަނގަޅު ބޯހިޔާވަހިކަން ހޯދައިދިނުން މުހިންމު ކަމަށް ދިރާސާގައި ފާހަގަކޮށްފައިވެއެވެ. ހަމައެއާއެކު މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ގާނޫނު ތަންފީޒުކުރާ އިދާރާތައް ހަރުދަނާކުރުމުގެ މުހިންމުކަން ވެސް ދިރާސާގައި ފާހަގަ ކޮށްފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.