މާލެއިން ތޫނު ހަތިޔާރު ގެންގުޅުމުގެ ތުހުމަތުގައި ތިން ޒުވާނުން ހައްޔަރުކޮށް، ކްރިމިނަލް ކޯޓުން އެމީހުން ބަންދުކުރުމަށް އަމުރު ކޮށްފިއެވެ.
ފުލުހުން ހައްޔަރުކޮށްފައިވަނީ މއ. މޯނިންގވިޔު، އުމުރުން 30 އަހަރުގެ އަހްމަދު ނަވާޒާއި، އެ ގޭގެ އުމުރުން 22 އަހަރުގެ އިބްރާހިމް ޒައިދާން އަދި ލ. މާބައިދޫ، އުމުރުން 22 އަހަރުގެ މުހައްމަދު ޝިދާދެވެ. މި ތިން މީހުންގެ ތެރެއިން ނަވާޒް ބަންދުކުރުމަށް ކޯޓުން ނިންމާފައިވަނީ 30 ދުވަހުގެ މުއްދަތަކަށެވެ. ޒައިދާން އާއި ޝިދާދް ބަންދުކުރަން ނިންމީ 15 ދުވަހުގެ މުއްދަތަކަށެވެ.
ކޯޓަށް ހުށަހެޅި މައްސަލައިގައި ހެކީގެ ގޮތުގައި ފުލުހުން ހުށަހަޅާފައިވަނީ ހާދިސާ ރިޕޯޓާއި، އިންޓެލިޖެންސް ރިޕޯޓާއި، މައްސަލަ ހިނގި ތަނުގެ ފޮޓޯތަކާއި، ފެނިފައިވާ ދެ ވަޅީގެ ފޮޓޯތަކެވެ.
މައްސަލައިގެ ތަފްސީލުތަކުން އެނގޭ ގޮތުގައި، ހައްޔަރުކުރެވުނު ތިން މީހުން ބުނެފައިވަނީ، ފުލުހުން ފެނުނު ކަމަށް ބުނާ ދެ ވަޅި އޮތީ ހާމައަށް ލޮލަށް ފެންނާނެ ގޮތަކަށް ނޫން ކަމަށެވެ. އެކަމަކު ކްރިމިނަލް ކޯޓުގެ އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ފުލުހުން ހުށަހެޅި ފޮޓޯތަކުން ބަލާއިރު، އެމީހުން ބުނާ ގޮތަށް ވަޅިތައް އޮތްކަމަށް ބެލެވޭނެ ހެއްކެއް ނެތެވެ.
ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ގެންގުޅުމަކީ ޤާނޫނީ ގޮތުން މަނާ ކަމެއް ކަމުގައިވާއިރު، މިފަދަ މައްސަލަތަކުގައި ފުލުހުން ވަނީ ތަހުގީގުތައް ހަރުދަނާކޮށް، ކުށްކުރާ ފަރާތްތައް ޝަރީޢަތަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ