ދިވެހިރާއްޖޭގެ ދެކުނުގައި މަސްވެރިކަމާއި ކަނޑުދަތުރުފަތުރުގެ ޒަމާނީ ލޮޖިސްޓިކް ހަބެއް ގާއިމްކުރުމަށް ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ)އާ ދިވެހި ސަރުކާރުން ދެމެދު މުހިންމު އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފިއެވެ. މި ތާރީޚީ އެއްބަސްވުމުގައި ސޮއިކުރެވުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރޭގައެވެ.
ދިވެހި ސަރުކާރުގެ ފަރާތުން މި އެމްއޯޔޫގައި ސޮއިކުރެއްވީ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމެވެ. މި މަޝްރޫއަކީ ރާއްޖޭގެ އިގުތިސާދަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ އަދި ހާއްސަކޮށް ދެކުނުގެ މަސްވެރިކަމުގެ ދާއިރާއަށް އައު ޒަމާނެއް ފެށިގެންދާނެ ބޮޑު ބަދަލެއް ކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.
އައްޑޫ ސިޓީގެ ޖިއޮގްރަފިކް ލޮކޭޝަންއަކީ އިންޑިއާ ކަނޑުގެ މަސްވެރިކަމަށް އެންމެ މުހިންމު ސަރަހައްދުތަކުގެ ތެރެއިން އެއް ސަރަހައްދު ކަމަށް ބެލެވޭއިރު، މި ޕްރޮޖެކްޓްގެ ތެރެއިން އައްޑޫގައި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން މަސްވެރިކަމުގެ ވަސީލަތްތަކާއި ކަނޑުދަތުރުފަތުރުގެ ޚިދުމަތްތައް ފުޅާ ދާއިރާއެއްގައި ތަރައްގީކުރެވޭނެއެވެ.
މި އެއްބަސްވުމުގެ ދަށުން މަޝްރޫއުގެ ތަފްސީލީ މާސްޓަ ޕްލޭން އެކުލަވާލުމާއި، މާލީ އަދި އިގުތިސާދީ ފައިދާތަކުގެ ދިރާސާތައް ހެދުމާއި، މަޝްރޫއު ހިންގުމަށް އެންމެ އެކަށީގެންވާ ވިޔަފާރި މޮޑެލް ކަނޑައެޅުމާއި، ފައިނޭންސިންގ އޮޕްޝަންތައް ދެނެގަތުމަށް ދެ ފަރާތުން ގުޅިގެން މަސައްކަތްކުރާނެއެވެ. މި މަސައްކަތްތަކުގެ ސަބަބުން ދެކުނުގެ އަތޮޅުތަކުގައި މަސްވެރިކަމުގައި އުޅޭ ހާސްތަކުން ގިނަ މަސްވެރިންނަށް ފަސޭހަތަކާއި ފައިދާތައް ލިބި، އެ ފަރާތްތަކުގެ އާމްދަނީ ބޮޑަށް އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ.
ސަރުކާރުން ވިދާޅުވާ ގޮތުގައި މި މަޝްރޫއަކީ ދެކުނުގެ އިގުތިސާދު ހަރަކާތްތެރިކޮށް، އެ ސަރަހައްދުގައި ވަޒީފާގެ ގިނަ ފުރުސަތުތަކެއް އުފެއްދުމަށް ކުރެވޭ މަސައްކަތުގެ ބައެކެވެ. މި މަޝްރޫއުގެ ސަބަބުން އައްޑޫ ސިޓީ ރާއްޖޭގެ މަސްވެރިކަމުގެ މުހިންމު މަރުކަޒަކަށް ވުމާއެކު، އެ ސަރަހައްދުގެ އިގުތިސާދީ ހަރަކާތްތައް ފުޅާވެގެންދާނެއެވެ.
މީގެ އިތުރުން، ރާއްޖޭގެ މެރިކަލްޗަރ ސިނާއަތް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ވަކި ސިނާއަތެއްގެ ގޮތުގައި ކުރިއެރުވުމުގެ މަގުސަދުގައި ޗައިނާގެ މަސްވެރިކަމުގެ ދާއިރާގައި މަޝްހޫރު ހޮންގްޑޮންގް ފިޝަރީ ކޯޕަރޭޝަނާ އެކު ވެސް ދިވެހި ސަރުކާރުން ވަނީ ވަކި އެމްއޯޔޫއެއްގައި އިއްޔެ ސޮއިކޮށްފައެވެ. މި ދެ އެއްބަސްވުމަކީ ވެސް ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ބައިނަލްއަގުވާމީ ފެންވަރަށް ކުރިއަރުވައި، އިގުތިސާދީ ފައިދާތައް އިތުރުކުރުމަށް ކުރެވޭ މުހިންމު ފިޔަވަޅުތަކެކެވެ.
ކޮމެންޓު ފޮނުވާ