މާލޭ ސިޓީ ކައުންސިލުން ވިލިމާލޭގައި ހެދި ވަގުތީ ލޯކަލް މާރުކޭޓްގެ މަސައްކަތް ކުރި ކުންފުންޏަށް ދޭންޖެހޭ ރިޓެންޝަން ފައިސާގެ ގޮތުގައި ބާކީވާ 125,841 ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ. މި ފައިސާގެ އިތުރުން ޝަރީއަތުގެ ހަރަދުގެ ގޮތުގައި 25,000 ރުފިޔާ ވެސް ކުރިއަށް އޮތް އެއް މަސްދުވަހުގެ ތެރޭގައި ދައްކަން ކޯޓުން އަންގާފައިވެއެވެ.
ގްލޯރިއަސް ޓްރޭޑިން އެންޑް ޝިޕިން ކުންފުނިން މިދިޔަ ޖުލައި މަހު ހުށަހެޅި މި މައްސަލައަށް މާލޭ ސިޓީ ކައުންސިލުން ޖަވާބުދާރީވެފައި ނުވާތީ، ކައުންސިލުގެ ގައިރު ހާޒިރުގައި ކޯޓުން މި ހުކުމް ކޮށްފައިވެއެވެ. ކުންފުނީގެ ފަރާތުން ބުނެފައިވަނީ ރިޓެންޝަން މުއްދަތު ހަމަވެ ބިލު ހުށަހެޅި ނަމަވެސް ކައުންސިލުން އެ ފައިސާ ދީފައި ނުވާ ކަމަށެވެ.
2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހު ވިލިމާލޭގައި ވަގުތީ މާރުކޭޓެއް އެޅުމުގެ މަސައްކަތް 45 ދުވަހުގެ ތެރޭގައި ނިންމުމަށް 2.5 މިލިއަން ރުފިޔާއަށް ގްލޯރިއަސް ކުންފުންޏާ ހަވާލުކުރިއެވެ. އެހެންނަމަވެސް މާރުކޭޓް އަޅާ ސަރަހައްދު ތިން ފަހަރު މަތިން ބަދަލުވެ، ކުރެހުމާއި މަސައްކަތުގެ ސަރަހައްދަށް ގެނައި ބަދަލުތަކުގެ ސަބަބުން މަސައްކަތް ފެށުން ލަސްވެ އިތުރު މަސައްކަތްތައް ކުރަންޖެހުނު ކަމަށް ކުންފުނިން ބުނެއެވެ.
މައްސަލާގައިވާ ގޮތުން މާރުކޭޓް އެޅުމަށް ބިން ކަނޑައަޅައި ހަވާލުކޮށްފައިވަނީ އެއްބަސްވުމުގައި ސޮއިކުރި ތާރީހުން އަހަރެއް ފަހުން 2022 މާޗު 31 ގައެވެ. އޭގެ ފަހުން އެއްބަސްވުމުން ބޭރުން އިތުރު މަސައްކަތްތަކެއް ވެސް ހަވާލުކޮށްފައިވާ ކަމަށް ކުންފުނިން ބުނެއެވެ. މަސައްކަތުގެ 72 ޕަސަންޓް ނިންމާ 1.7 މިލިއަން ރުފިޔާ ހޯދުމަށް ހުށަހެޅުމުން އެ ފައިސާ ލިބިފައިވީ ނަމަވެސް، މުޅި މަސައްކަތް 2022 ޖުލައި 5 ގައި ނިންމި ކަމަށް ބުނެ ދުވަސްތަކަށް ދޭންޖެހޭ 667,866 ރުފިޔާ ލިބުނީ ޖެހިގެން އައި އަހަރު ކަމަށް ކުންފުނިން ބުނެއެވެ.
މީގެ ކުރިން 2023 ވަނަ އަހަރު ގްލޯރިއަސް ކުންފުނިން ހުށަހެޅި މައްސަލައެއްގައި ކައުންސިލުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގައިދޭން އެދުނު ނަމަވެސް، ސިވިލް ކޯޓުން އޭރު ނަގައިދިނީ 364,965 ރުފިޔާއެވެ. އެ ފައިސާއަކީ އެއްބަސްވުމުން ބޭރުން ކުންފުނީގެ އަމިއްލަ ތަކެތީގައި ކޮށްފައިވާ މަސައްކަތަށް ދޭންޖެހޭ ފައިސާ ކަމަށް ކޯޓުން ނިންމިއެވެ.
ކައުންސިލުން މީގެ ކުރިން ބުނެފައިވަނީ ގްލޯރިއަސް ކުންފުނިން ކުރި މަސައްކަތަށް ދޭންޖެހޭ ފައިސާ ދީފައިވާނެ ކަމަށާއި، އޭގެ އިތުރުން ހޯދަން އެދިފައިވާ ފައިސާތަކަކީ އެއްބަސްވުމުގެ ދަށުން ދޭންޖެހޭނެ ފައިސާއެއް ކަމަށް ނުދެކޭ ކަމަށެވެ. އެހެންނަމަވެސް މިފަހަރު ކޯޓުން ނިންމީ ރިޓެންޝަން ފައިސާގެ ގޮތުގައި ބާކީވާ 125,841 ރުފިޔާއަކީ ކައުންސިލުން ކުންފުންޏަށް ދޭންޖެހޭ ފައިސާއެއް ކަމަށެވެ.
ކޮމެންޓު ފޮނުވާ