ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތައް މީޑިއާތަކުން ރިޕޯޓްކުރާ ގޮތާމެދު ކަންބޮޑުވުން ފާޅުކުރައްވާ، ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއް، ގިނަ ފަރާތްތަކުގެ ފާޑުކިޔުމަށްފަހު ޑިލީޓްކޮށްލެއްވި އެވެ.
މަޖިލީހުގެ ރަސްމީ ވެބްސައިޓްގައި ހާމަކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، 93 މެންބަރުންގެ ތެރެއިން މާލީ ބަޔާން އާންމުކޮށްފައި ނުވަނީ ހަމައެކަނި 5 މެންބަރުންނެވެ. މި ފަސް މެންބަރުންގެ ތެރޭގައި މެންބަރު ނިޒާރު ވެސް ހިމެނިވަޑައިގަންނަވާ ކަން ފާހަގަކުރެވެ އެވެ.
ރޭގެ ވަގުތެއްގައި ފޭސްބުކްގައި ނިޒާރު ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައި ވަނީ، މަޖިލީހުން ރަސްމީ ބަޔާނެއް ނެރެފައި ނެތް ނަމަވެސް، ބައެއް މީޑިއާތަކުން މެންބަރުންގެ މާލީ ބަޔާންތަކުގެ ލިސްޓްތައް ތައްޔާރުކޮށް، ރައްޔިތުންނަށް މަޢުލޫމާތު އޮޅޭ ގޮތަށް ޝާއިޢުކުރަމުންދާ ކަމަށެވެ. މީގެ އިތުރުން، މަޖިލީހުގެ ކޮމިޓީ މަރުހަލާގައި އޮތް މީޑިއާ ބިލު އަވަސްކޮށް، ބޭނުންނަމަ ދައުރުން ބޭރުން ޚާއްޞަ ޖަލްސާއެއް ބާއްވައިގެން ވިޔަސް ފާސްކުރުމަށް އޭނާ ގޮވާލެއްވި އެވެ.
މި ޕޯސްޓާ ގުޅިގެން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ނިޒާރަށް ނުހަނު ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވެ އެވެ. ފާޑުކިޔާ ފަރާތްތަކުން ފާހަގަކުރައްވާ ގޮތުގައި، މި ޕޯސްޓަކީ މީޑިއާތަކަށް ބިރުދެއްކުމުގެ ގޮތުން ކުރެވުނު ޕޯސްޓެއް ކަމަށާއި، މީޑިއާ ބިލު މަޖިލީހުގެ ކޮމިޓީގައި އޮތް މި ދަނޑިވަޅުގައި މަޖިލީހުގެ މެންބަރަކު މިކަހަލަ ވާހަކަތައް ދެއްކެވުމަކީ އެންމެންގެ ކަންބޮޑުވުން އުފެދޭނެ ކަމެއް ކަމަށް ވިދާޅުވެފައިވެ އެވެ.
މި ހާދިސާ ހިނގި އިރު، މަޖިލީހަށް ހުށަހެޅިފައިވާ މީޑިއާ ބިލު ބޭރުކޮށްލުމަށް އެދި 150 އަށްވުރެ ގިނަ ނޫސްވެރިން ސޮއިކުރި ޕެޓިޝަނެއް އިއްޔެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ކަން ފާހަގަކުރެވެ އެވެ. މި ޕެޓިޝަނުގައި ނޫސްވެރިން ފާހަގަކޮށްފައި ވަނީ، މި ބިލަކީ މީޑިއާގެ މިނިވަންކަމަށް ނުރައްކާވާނެ ބިލެއް ކަމަށާއި، ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔަތްކުރުމަށްޓަކައި މި ބިލު ބޭރުކޮށްލަން ޖެހޭ ކަމަށެވެ.
ކޮމެންޓު ފޮނުވާ