ތިން އަހަރު ފަހުން ދެ އެސިސްޓެންޓް ކޮމިޝަނަރުންގެ ވަޒީފާ އިއާދަކޮށްފި

ތިން އަހަރު ފަހުން ދެ އެސިސްޓެންޓް ކޮމިޝަނަރުންގެ ވަޒީފާ އިއާދަކޮށްފި

Author
ޙަސަން މުޙައްމަދު
03 ސެޕްޓެމްބަރ 2025 06:52
0

2022 ވަނަ އަހަރު ޕޮލިސް ބޯޑުން ވަކިކުރި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދާއި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދުގެ ވަޒީފާ ތިން އަހަރަށްފަހު އަލުން އިއާދަކޮށްދީފައިވާކަން ފުލުހުން މިއަދު ހާމަކޮށްފިއެވެ.

ފުލުހުން ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ހައިކޯޓުގެ ހުކުމާ ގުޅިގެން މި ދެ ބޭފުޅުންނަށް ވަޒީފާ އަނބުރާ ދީފައިވަނީ އެސިސްޓެންޓް ކޮމިޝަނަރުގެ ރޭންކުގައި ކަމަށެވެ.

2022 އޮކްޓޫބަރު 10 ގައި ޕޮލިސް ބޯޑުން ނިންމި ނިންމުމަކުން ހަތް އިސް އޮފިސަރުން މަގާމުން ވަކިކުރުމަށް ނިންމާފައިވެއެވެ. އޭގެތެރޭގައި ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު، އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު، އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދު، ސުޕްރިންޓެންޑެންޓް އިސްމާއީލް ޝަމީމް، ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް، އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ އަދި ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދު ހިމެނެއެވެ.

އެކަމާ ގުޅިގެން ފަސް އޮފިސަރުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން، 2022 ޑިސެމްބަރު 21 ގައި ސިވިލް ކޯޓުގެ ފަނޑިޔާރު އަލީ އަބްދުﷲ ނިންމެވީ، ޕޮލިސް ބޯޑަށް އޮފިސަރުން ވަކިކުރުމުގެ ބާރު ގާނޫނީގޮތުން ލިބިފައި ނުވާކަމަށާއި، އެ ނިންމުން ބާތިލުކަމަށެވެ. ފަނޑިޔާރު ނިންމެވީ، އެ ނިންމުމަކީ ފުލުހުންގެ ޚިދުމަތުގެ ގާނޫނުގެ 3 ވަނަ މާއްދާގެ (ނ) އާ ޚިލާފު ކަމެއްކަމަށެވެ.

ސިވިލް ކޯޓުގެ ނިންމުމާ ގުޅިގެން ދައުލަތުން ހައިކޯޓަށް މައްސަލަ ހުށަހެޅުމުން، ދެ އަހަރަށްވުރެ ގިނަ ދުވަސް އެ މައްސަލަ ހައިކޯޓުގައި އޮތުމަށްފަހު، މިއަހަރުގެ ޖުލައި 23 ގައި ހައިކޯޓުން އެ މައްސަލަ ބާތިލުކޮށްފިއެވެ. ހައިކޯޓުން ބުނީ، ދައުލަތުން ޝަރީއަތުގެ ނިޒާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފާކަމަށެވެ. މީގެ ކުރިން ހައިކޯޓުން ސިވިލް ކޯޓުގެ ނިންމުމަށް އަމަލު ނުކުރަން އަމުރުވެސް ކޮށްފައިވެއެވެ.

އޮފިސަރުން ވަކިކުރުމުގެ މައްސަލައިގައި، އެ ބޭފުޅުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ދީފައިނުވާކަމަށާއި، ވަޒީފާއިން ވަކިކުރުމުގެ ބާރު ޕޮލިސް ބޯޑަށް ލިބިފައިނުވާކަމަށް އެ އޮފިސަރުންގެ ފަރާތުން ބުނެފައިވެއެވެ. ނަމަވެސް ފަރުހާދު ފިކުރީއާއި އަހްމަދު ޝުހާދު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ބައިވެރިވެފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.