11 ފަހުމުނާމާގައި ސޮއި ކުރުމަކީ ދެ ޤައުމުގެ ގުޅުމުގައި އައު ޞަފްހާތަކެއް ހުޅުވިގެންދާނެ ކަމެއް: ޗައިނާ ސަފީރު

11 ފަހުމުނާމާގައި ސޮއި ކުރުމަކީ ދެ ޤައުމުގެ ގުޅުމުގައި އައު ޞަފްހާތަކެއް ހުޅުވިގެންދާނެ ކަމެއް: ޗައިނާ ސަފީރު

Author
ޙަސަން މުޙައްމަދު
02 ސެޕްޓެމްބަރ 2025 10:55
0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އެކި ދާއިރާތަކުން އެއްބާރުލުން ދިނުމާ ބެހޭ 11 ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ. މި ފަހުމުނާމާތަކުގެ ތެރޭގައި އިޤުތިޞާދީ ތަރައްޤީ، ޢުމްރާނީ ތަރައްޤީ އަދި އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ފަދަ މުހިންމު ދާއިރާތައް ހިމެނެއެވެ.

ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ފަހުމުނާމާތަކުގައި ސޮއިކުރުމަކީ ދެ ޤައުމުގެ ގުޅުމުގައި އައު ޞަފްހާތަކެއް ހުޅުވިގެންދާނެ ކަމެއްކަމަށެވެ. ސަފީރު ފާހަގަކުރެއްވި ގޮތުގައި، މި ފަހުމުނާމާތަކުން ދެމެހެއްޓެނިވި ތަރައްޤީއާއި އެކުވެރިކަމާއެކު ދެ ޤައުމުން ގުޅިގެން ކުރަމުންދާ މަސައްކަތްތައް ވަރަށް ބޮޑަށް ހާމަވެގެންދިއައެވެ. އަދި މި ފަހުމުނާމާތަކުގައި ސޮއިކުރެވުނުތަން ފެނުމަކީ ތިމަންނައަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއްކަމަށް ސަފީރު ވިދާޅުވިއެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޗައިނާއާއެކު ވެވުނު މި ފަހުމުނާމާތަކަށް މަރުޙަބާ ދަންނަވާކަމަށެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މި ފަހުމުނާމާތަކުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެ، ގިނަ ދާއިރާތަކުން ރާއްޖެއަށް ފައިދާތަކެއް ކުރާނެއެވެ.

ރައީސް މުޢިއްޒުގެ މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދަޢުވަތަކަށް ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް މުހިންމު ފިޔަވަޅުތަކެއް އެޅިގެންދިޔައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.