މާލޭގެ ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ޖެޓީ ތަޅާލުމުގެ މަސައްކަތް ނިމި، މަގު ފުޅާކުރުމަށްޓަކައި ފަޅުގެ ސަރަހައްދަށް ވެލި އެޅުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
އެމްޓީސީސީން މި މަޝްރޫއު ކުރިއަށްގެންދާ ގޮތް ބެލުމަށް މިއަދު އެ ކުންފުނީގެ ސީއީއޯ އަހުމަދު ސައުދީ އެ ސަރަހައްދަށް ޒިޔާރަތްކުރެއްވިއެވެ. އެ ކުންފުނިން ހާމަކުރި ގޮތުގައި މިހާތަނަށް ސެގްމެންޓް 1 ސަރަހައްދުގެ ފަޅުގައި 72 މީޓަރުގެ ޝީޓް ޕައިލްކުރުމުގެ މަސައްކަތް ނިމިފައިވާއިރު، އެއްގަމު ތޮށި ބޭރަށް ޖެއްސުމަށް ހުރި ކޮންކްރީޓް ޖެޓީ ތަޅާލުމުގެ މަސައްކަތް ވެސް ފުރިހަމަވެފައިވެއެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން 144 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިފައިވަނީ މިދިޔަ އޮގަސްޓު 21 ގައެވެ. މަޝްރޫއު ނިންމުމަށް 455 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.
ބޮޑުތަކުރުފާނު މަގުގެ އުތުރު ސަރަހައްދަކީ ލޯކަލް މާކެޓާއި މަސް މާކެޓް ހިމެނޭ، މުދާ އުފުލާ އުޅަނދުތައް ގިނައިން ދުއްވާ ސަރަހައްދަކަށްވާތީ، ޓްރެފިކް ޖެހުންތައް ބޮޑު ތަނެކެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި ޒަމާނީ ފެންވަރަށް މަގު ތަރައްގީކުރުމަށް ނިންމާފައިވާއިރު، އެމްޓީސީސީން ބުނި ގޮތުގައި މި މަޝްރޫއަކީ މާލެ ސިޓީގެ ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބީ ބަދަލެއް ގެނެސްދޭނެ މުހިންމު މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތު ފުޅާކޮށް 4 ލޭނަށް ބަދަލުކުރެވޭނެއެވެ. މީގެ އިތުރުން 830 މީޓަރުގެ މަގުގައި ތާރު އެޅުމާއި، ދުވާރުތައް ހެދުމާއި، ފެން ހިންދާ ނިޒާމެއް ގާއިމުކުރުމާއި، ރޯޑް މާކިންގާއި ސައިން ބޯޑުތައް ހަރުކުރުމުގެ މަސައްކަތްތައް ވެސް ކުރެވޭނެއެވެ.
މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި އަންނަ އޮކްޓޫބަރު 13 ވަނަ ދުވަހާ ހަމައަށް އެ ސަރަހައްދުގެ މަގާއި ފަޅު ބަންދުކޮށްފައިވާކަން ފާހަގަކުރެވެއެވެ. މިއީ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި އަޅާފައިވާ ފިޔަވަޅެކެވެ.
ކޮމެންޓު ފޮނުވާ