ޗައިނާގެ ޓިއަންޖިންގައި ކުރިއަށްދާ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓްގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ނޭޕާލްގެ ބޮޑުވަޒީރު ކޭ.ޕީ. ޝަރްމާ އޮލީއާ ބައްދަލުކުރައްވައިފިއެވެ.
ޓިއަންޖިންގެ މެއިޖިއާން ކޮންވެންޝަން ސެންޓަރުގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި ދެ ލީޑަރުން ވާހަކަފުޅު ދައްކަވާފައިވަނީ ދިވެހިރާއްޖެއާއި ނޭޕާލާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުންނެވެ. ރައީސް އޮފީހުން ދީފައިވާ މައުލޫމާތުގައި ބުނެފައިވަނީ، ތައުލީމާއި އިގްތިސާދީ ދާއިރާތަކުގެ އިތުރުން އެހެނިހެން ދާއިރާތަކުންވެސް ދެގައުމުގެ ގުޅުން ފުޅާކުރުމަށް މަޝްވަރާކުރެއްވި ކަމަށެވެ.
ދެ ގައުމުގެ ދެމެދު ދިގު ތާރީހެއްގައި ގާއިމުވެފައިވާ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރައީސް މުއިއްޒާއި ބޮޑުވަޒީރު ޝަރްމާ ވިދާޅުވީ، ދެގައުމުގެ ރައްޔިތުންނަށް ފައިދާ ކުރާނެ ގޮތަކަށް އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ދެފަރާތުންވެސް މަސައްކަތްކުރައްވާނެ ކަމަށެވެ.
މި ބައްދަލުކުރެއްވުމަކީ ދިވެހިރާއްޖެއާއި ނޭޕާލާ ދެމެދު އޮތް ތާރީހީ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ކުރެވޭ މަސައްކަތުގެ ބައެއްކަމުގައި ފާހަގަކުރެވެއެވެ. ރައީސް މުއިއްޒުގެ ސަރުކާރުން ބައިނަލްއަގުވާމީ ފެންވަރުގައި އެކި ގައުމުތަކާ ގުޅުން ބަދަހިކުރުމަށް ޚާއްސަ އިސްކަމެއް ދޭކަން ފާހަގަކުރެވެއެވެ.
އެސްސީއޯގެ ހެޑްސް އޮފް ސްޓޭޓް ކައުންސިލްގެ 25 ވަނަ ބައްދަލުވުން ކަމުގައިވާ މި ސަމިޓަކީ އޮގަސްޓް 31 އިން ސެޕްޓެމްބަރު 1، 2025 އަށް ޓިއަންޖިންގައި ބޭއްވޭ މުހިންމު ބައްދަލުވުމެކެވެ. ޗައިނާއިން އެސްސީއޯ ސަމިޓް ބާއްވަނީ މިއީ ފަސްވަނަ ފަހަރު ކަމުގައިވާއިރު، މި އޯގަނައިޒޭޝަނަކީ ސަރަހައްދީ ސެކިއުރިޓީއާއި އިގްތިސާދީ ގުޅުންތައް ވަރުގަދަކުރުމަށް މަސައްކަތްކުރާ މުހިންމު ޖަމާއަތެކެވެ.
ކޮމެންޓު ފޮނުވާ