މީޑިއާ ބިލް އެކުލަވާލުމުގައި ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކޮށްފައެއް ނެތް: އެމްއެމްސީ

މީޑިއާ ބިލް އެކުލަވާލުމުގައި ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކޮށްފައެއް ނެތް: އެމްއެމްސީ

Author
އަހުމަދު
31 އޮގަސްޓް 2025 08:36
0

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލް ޑްރާފްޓް ކުރުމުގައި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ބްރޯޑްކާސްޓިން ކޮމިޝަނާ އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާކަމަށް އެމްއެމްސީން ވިދާޅުވެއްޖެއެވެ. ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނު ހުށަހެޅުއްވި މި ބިލާ ގުޅޭގޮތުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އެމްއެމްސީން މި ވާހަކަ ފާހަގަކުރެއްވީއެވެ.

އެމްއެމްސީގެ ފަރާތުން ކޮމިޓީއަށް ދެންނެވީ، މި ބިލު މަޖިލީހުން ބޭރުކޮށް، ކަމާގުޅޭ އެންމެހައި ފަރާތްތަކާ މަޝްވަރާކޮށްގެން އައު ބިލެއް އެކުލަވާލުމަށެވެ. މީޑިއާ ދާއިރާއާ ގުޅޭ މިކަހަލަ މުހިންމު ބިލެއް ތައްޔާރުކުރާއިރު، އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި އެ ކައުންސިލުން ދެކޭކަމަށް ވިދާޅުވިއެވެ.

ބިލުގައި ހިމެނޭ މާއްދާތަކުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ ޙައްޤަށް ނުރަނގަޅު އަސަރުކުރާނެކަމުގެ ކަންބޮޑުވުން އެމްއެމްސީން ފާޅުކުރެއްވިއެވެ. ޚާއްޞަކޮށް ބިލުގައިވާ ބައެއް މާއްދާތަކުން ނޫސްވެރިކަމުގެ އަސާސީ މިންގަނޑުތައް ހިފެހެއްޓުމަށް ދަތިވެ، މީޑިއާގެ މަސައްކަތަށް ހުރަސްތަކެއް ކުރިމަތިވާނެކަމަށް ބެލެވޭކަމުގައި ވިދާޅުވިއެވެ.

މި ކަންބޮޑުވުންތައް ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ހިއްސާކުރުމަށް އެދި ބައްދަލުވުމަކަށް އެދިފައިވާކަމަށް ވެސް އެމްއެމްސީން މަޢުލޫމާތު ދެއްވިއެވެ. އަދި ރަނގަޅު ދިރާސާއަކާއި އެކަށީގެންވާ މަޝްވަރާތަކެއް ނެތި މިފަދަ ބިލެއް ކުރިއަށް ގެންދިއުމުން ފަހުން ދިމާވެދާނެ ދަތިތައް އިތުރުވާނެކަމުގެ އިންޒާރު ވެސް ދެއްވިއެވެ.

ބަންޑާރަނައިބުގެ އޮފީހުން މިކަމާ ގުޅޭގޮތުން އަލުން ބިލެއް ހުށަހެޅުމަކީ އެންމެ ރަނގަޅު ގޮތްކަމުގައި އެމްއެމްސީން ލަފާދެއްވިއެވެ. މިހާރު ހުށަހެޅިފައިވާ ބިލަށް އިޞްލާޙުތަކެއް ގެނައުމުގެ ބަދަލުގައި، ހުރިހާ ފަރާތްތަކުގެ ޚިޔާލު ހިމެނޭގޮތަށް އައު ބިލެއް ތައްޔާރުކުރުމުން ދާއިރާއަށް ފައިދާހުރި ނަތީޖާއެއް ލިބޭނެކަމަށް ދެކޭކަމުގައި ވިދާޅުވިއެވެ.

މި ބިލާ ދެކޮޅަށް ނޫސްވެރިންގެ ތެރެއިން ގިނަ ބަޔަކު ޕެޓިޝަނެއްގައި ސޮއިކުރަމުން ދާކަން ފާހަގަކުރެވެއެވެ. އެ ޕެޓިޝަންގައި ބުނާގޮތުން، ހުށަހެޅިފައިވާ ބިލަކީ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމާއި އެއާ ގުޅުންހުރި އެހެން ޙައްޤުތަކަށް ބޮޑެތި ހުރަސްތަކެއް އެޅޭފަދަ ބިލެކެވެ. މީޑިއާ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން މި ބިލަށް ދައްކާ ދެކޮޅުހަދާ މިންވަރުން، މި ބިލާމެދު އުފެދިފައިވާ ކަންބޮޑުވުންތަކުގެ ބޮޑުމިން ފެންނަން އެބަހުއްޓެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.