ދައުލަތުގެ ބެލުމުގެ ދަށުގައި ހުޅުމާލޭ ފިޔަވަތީގައި ހުންނަ ކުޑަކުދިންގެ ހިޔާގައި 10 އަހަރަށްވުރެ ގިނަ ދުވަސްވަންދެން ދިރިއުޅެމުން އައި 15 އަހަރުގެ ކުއްޖަކު އިއްޔެ މަރުވެއްޖެއެވެ.
ލިބިފައިވާ މައުލޫމާތު ތަކުން އެނގޭ ގޮތުގައި، އުތުރުގެ ރަށަކަށް ނިސްބަތްވާ މި ކުއްޖާއަކީ ނުކުޅެދުންތެރިކަން ހުރި، އެނދުމަތިކޮށްގެން ފަރުވާ ދޭންޖެހޭ ކުއްޖެކެވެ. މި ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެނައީ މީގެ ގާތްގަނޑަކަށް 10 އަހަރު ކުރިންނެވެ. އިއްޔެ ގުދުރަތީ ސަބަބަކާ ހުރެ މި ކުއްޖާ މަރުވި ކަމަށް ވަނީ އެނގިފައެވެ.
މި ކުއްޖާގެ ޖަނާޒާ ބޭއްވުނީ އިއްޔެ ރޭގައެވެ. ޖަނާޒާގައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، ކުރީގެ ފަސްޓް ލޭޑީ ފަޒްނާ އަޙްމަދު، ކުރީގެ ޖެންޑަރ މިނިސްޓަރު އައިޝަތު މުޙައްމަދު ދީދީ، ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ކުރިން ކުޑަކުދިންގެ ހިޔާގެ އިންޗާޖަކަށް ހުންނެވި ޒީނާ ގާސިމް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ކުޑަކުދިންގެ ހިޔާގައި ބަލަހައްޓަމުން އައި ކުދިންގެ ތެރެއިން އެންމެ ދިގު މުއްދަތަކަށް އެތަނުގައި ހުރީ މި ކުއްޖާ ކަމަށް މައުލޫމާތު ލިބެއެވެ. ހިޔާގެ މުވައްޒަފުން މި ކުއްޖާއަށް ވަރަށް ބޮޑަށް ލޯތްބާއި އަޅާލުން ދިން ކަމަށާއި، ކުރިން ފަރުވާއަށް އިންޑިއާއަށް ވެސް މި ކުއްޖާ ގެންދެވުނު ކަމަށް އެނގެއެވެ.
މި ހާދިސާއާ ގުޅިގެން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން އަދި ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ