ޔުކްރެއިން ހަނގުރާމަ ނިންމުމަށް ރަޝިޔާއިން ހުށަހަޅާ ޝަރުތުތައް ހާމަކޮށްފި

ޔުކްރެއިން ހަނގުރާމަ ނިންމުމަށް ރަޝިޔާއިން ހުށަހަޅާ ޝަރުތުތައް ހާމަކޮށްފި

Author
ޙަސަން މުޙައްމަދު
24 އޮގަސްޓް 2025 10:25
0

ޔުކްރެއިންގައި ދެމިގެންދާ ހަނގުރާމަ ނިންމާލުމަށްޓަކައި ރަޝިޔާއިން ހުށަހަޅާ ޝަރުތުތަކުގެ ތަފްސީލު، އެ ޤައުމުގެ ޚާރިޖީ ވަޒީރު ސަރގޭ ލަވްރޯވް ހާމަކޮށްފިއެވެ. އާދީއްތަ ދުވަހު އެމެރިކާގެ އެން.ބީ.ސީ ނިއުސްގެ "މީޓް ދަ ޕްރެސް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ލަވްރޯވް ވިދާޅުވީ، ސުލްހަ ޤާއިމުކުރުމަށް އދ.ގެ ސަލާމަތީ މަޖިލީހުގެ މެންބަރުންނާއި އިތުރު ޤައުމުތަކެއް ހިމެނޭ ގްރޫޕަކުން ޔުކްރެއިންގެ ސަލާމަތާއި ރައްކާތެރިކަމަށް ޔަޤީންކަން ދޭންޖެހޭނެ ކަމަށެވެ.

ރޮއިޓަރސް އެޖެންސީން މިދިޔަ ހަފްތާގައި ރިޕޯޓުކުރި ގޮތުގައި، ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން ހުށަހަޅުއްވާފައިވާ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި ޔުކްރެއިންގެ އިރުމަތީ ޑޮންބާސް ސަރަޙައްދު މުޅިން ދޫކޮށްލުމާއި، ނޭޓޯ އެލައިންސާ ގުޅުމުގެ އެންމެހައި އުއްމީދުތައް ދޫކޮށްލުމާއި، ވަކި ފަރާތަކަށް ނުޖެހޭ ޤައުމެއްގެ ގޮތުގައި ދެމިތިބުމާއި، ހުޅަނގު ޤައުމުތަކުގެ ސިފައިން ޔުކްރެއިންގައި ނުބޭތިއްބުން ހިމެނެއެވެ.

ލަވްރޯވް ފާހަގަކުރެއްވި ގޮތުގައި، ރައީސް ޕުޓިން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެ ދެމެދުގައި ޔުކްރެއިންގެ ސަލާމަތީ ޔަޤީންކަމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގޮސްފައިވެއެވެ. މީގެ އިތުރުން 2022 ވަނަ އަހަރު ތުރުކީގެ އިސްތަންބޫލުގައި ބޭއްވުނު ސުލްހަ މަޝްވަރާތަކުގައި ހުށަހެޅުނު ހުށަހެޅުންތަކަށްވެސް ޕުޓިން އިޝާރާތްކުރައްވާފައިވާ ކަމަށް ލަވްރޯވް ވިދާޅުވިއެވެ.

އިސްތަންބޫލު މަޝްވަރާތަކުގައި ދެ ޤައުމުން އެއްބަސްވުމަކަށް އައިސްފައިވަނީ، އދ.ގެ ސަލާމަތީ މަޖިލީހުގެ ފަސް ދާއިމީ މެންބަރުން – އިނގިރޭސިވިލާތް، ޗައިނާ، ފްރާންސް، ރަޝިޔާ، އެމެރިކާ – އާއި އިތުރު ޤައުމުތަކުން ޔުކްރެއިންގެ ސަލާމަތަށް ޔަޤީންކަން ދިނުމުގެ ބަދަލުގައި، ޔުކްރެއިން ދާއިމީ ގޮތެއްގައި ވަކި ފަރާތަކަށް ނުޖެހި ތިބުމަށެވެ.

ޚާރިޖީ ވަޒީރު ލަވްރޯވް ވިދާޅުވި ގޮތުގައި، މި ސަލާމަތީ ޔަޤީންކަން ދޭ ގްރޫޕުގައި ޖަރުމަނުވިލާތާއި ތުރުކީވިލާތުގެ އިތުރުން އެހެނިހެން ޤައުމުތައްވެސް ހިމެނިދާނެއެވެ. "މި ޤައުމުތަކުން ޔަޤީންކަން ދޭންވާނީ ޔުކްރެއިންގެ ސަލާމަތާއި ރައްކާތެރިކަމަށެވެ. އޭގެ ބަދަލުގައި ޔުކްރެއިން އަކީ ވަކި ފަރާތަކަށް ނުޖެހޭ، އެއްވެސް އަސްކަރީ އެލައިންސަކާ ގުޅިފައިނުވާ، އަދި ނިއުކްލިއަރ ހަތިޔާރު ނުގެންގުޅޭ ޤައުމަކަށް ވާންޖެހޭނެ،" ކަމަށް ލަވްރޯވް ވިދާޅުވިއެވެ.

ޔުކްރެއިން ނޭޓޯގެ މެންބަރަކަށް ވުމަކީ ރަޝިޔާއަށް އެއްގޮތަކަށްވެސް ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ލަވްރޯވް ސާފުކޮށް ވިދާޅުވިއެވެ. އަދި ރަޝިޔާގެ މައިގަނޑު އަމާޒަކީ ޔުކްރެއިންގައި ދިރިއުޅޭ ރަޝިޔާ ބަހުން ވާހަކަދައްކާ އާބާދީއަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުން ކަމަށާއި، ސަރަޙައްދީ މައްސަލަތަކާ ގުޅޭގޮތުން ޔުކްރެއިންއާއެކު މަޝްވަރާތައް ކުރިއަށް ގެންދަން ޖެހޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.