ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓެކްސީވޭ ޗާލީ އަލުން ތަރައްގީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ނިންމުމާ ގުޅިގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ރަސްމިއްޔާތެއް ބާއްވައި، މަސައްކަތް ރަސްމީކޮށް ހަވާލުކޮށްފިއެވެ.
ހުޅުލެ އައިލެންޑް ހޮޓަލުގައި ބޭއްވި މި ރަސްމިއްޔާތުގައި، ޗައިނާގެ ކޮންޓްރެކްޓިންގ ކުންފުނި ބީޔޫސީޖީއަށް މަސައްކަތް ނިންމާލައިފައިވާކަމުގެ ސެޓްފިކެޓް ހަވާލުކޮށްފައިވަނީ އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުޖުތަބާ ލަތީފުއެވެ. ބީޔޫސީޖީގެ ފަރާތުން ސެޓްފިކެޓާ ހަވާލުވީ އެ ކުންފުނީގެ ޕްރޮޖެކްޓު ޑިރެކްޓަރު ކޭންގު ގުއާންގުބައޯއެވެ.
ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހުއާއި ބީޔޫސީޖީ އިންޓަނޭޝަނަލްސްގެ ޒާންގު ފެންގުލިންގއާއި އެމްއޭސީއެލްގެ ބޯޑު މެމްބަރުންގެ އިތުރުން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިސްވެރިންނާއި އެމްއޭސީއެލްގެ އެގްސެކެޓިވް ކޮމިޓީގެ މެމްބަރުން ބައިވެރިވެލެއްވިއެވެ.
މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ވީއައިއޭގައި ކުރިން ބޭނުންކުރަމުން އައި ބާ ރަންވޭ އަލުން ތަރައްގީކޮށް، "ޓެކްސީވޭ ޗާލީ"ގެ ނަމުގައި މަތިންދާބޯޓު ޓެކްސީކުރުމަށް ބޭނުންކުރާ ޖާގައެއް ގާއިމުކުރެވިގެންދާނެއެވެ. 2025 އޭޕްރިލް 10ގައި ބީޔޫސީޖީއަށް ހަވާލުކުރެވުނު މި މަސައްކަތް ނިންމާލުމަށް ލަފާކުރި ތާރީހަށްވުރެ 84 ދުވަސް އަވަހަށް ކޮންޓްރެކްޓަރުން ވަނީ ފުރަތަމަ ފިޔަވަހި ނިންމާލައިފައެވެ.
ހަތަރު ފިޔަވަހަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއު މުޅިން ނިމުމުން 3200 މީޓަރުގެ ޓެކްސީވޭއެއް ގާއިމުވެގެންދާނެއެވެ. މި ޓެކްސީވޭގެ މައިގަނޑު މަގުސަދަކީ ވީއައިއޭގެ ގްރައުންޑް އޮޕަރޭޝަންތައް އަވަސްކުރުމެވެ. މީގެ އިތުރުން އިމާޖެންސީ ހާލަތެއްގައި މަތިންދާބޯޓެއް ޖައްސަންޖެހިއްޖެނަމަ ރަންވޭއެއްގެ ގޮތުގައިވެސް މި ޓެކްސީވޭ ބޭނުންކުރެވޭނެއެވެ.
ކޮމެންޓު ފޮނުވާ