މާލޭ މަސްމާރުކޭޓު މަޝްރޫޢުން ދައުލަތަށް 3.5 މިލިއަން ޑޮލަރުގެ ގެއްލުން ވާކަމަށް ބުނެ މައްސަލަ އޭސީސީއަށް

މާލޭ މަސްމާރުކޭޓު މަޝްރޫޢުން ދައުލަތަށް 3.5 މިލިއަން ޑޮލަރުގެ ގެއްލުން ވާކަމަށް ބުނެ މައްސަލަ އޭސީސީއަށް

Author
ޙަސަން މުޙައްމަދު
21 އޮގަސްޓް 2025 06:09
0

މާލެ ސިޓީ ކައުންސިލުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ސައިފް ފާތިޙު، މާލޭގެ މަސްމާރުކޭޓު ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން ދައުލަތަށް 3.5 މިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވާ ކަމަށް ބުނެ، އެންޓި ކޮރަޕްޝަން ކޮމިޝަނަށް މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

މޭޔަރު އާދަމް އާޒިމަށް ފޮނުވި ސިޓީއެއްގައި ސައިފް ފާތިޙު ވިދާޅުވެފައިވަނީ، ރައީސް ޑރ. މުޙައްމަދު މުއިއްޒު މޭޔަރުކަމުގައި ހުންނެވި އިރު، ބިޑަށް އިޢުލާންކޮށް އިވެލުއޭޓްކުރުމަށްފަހު 6.1 މިލިއަން ޑޮލަރަށް ވަކި ކުންފުންޏަކާ މަސްމާރުކޭޓުގެ މަސައްކަތް ޙަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް ޑރ. މުއިއްޒު ރައީސްކަމަށް ހޮވިވަޑައިގަތުމަށްފަހު، މޭޔަރު އާޒިމް މަޤާމަށް ޙަވާލުވުމުގެ ކުރިން، އެ އެއްބަސްވުން ބާޠިލުކޮށް، އެހެން ކުންފުންޏަކާ 9.5 މިލިއަން ޑޮލަރަށް އައު އެއްބަސްވުމެއް ހަދާފައިވާ ކަމަށް ސައިފް ބުންޏެވެ.

އަސްލު އެއްބަސްވުމަށްވުރެ 3.5 މިލިއަން ޑޮލަރު އިތުރުކޮށްގެން ހެދި މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ކައުންސިލުގެ ލީގަލް އޮފިސަރު ނަސީރު ކަމަށް ސައިފް ވިދާޅުވެއެވެ. މި މައްސަލަ ތަޙުޤީޤުކޮށް ނިމެންދެން ނަސީރު މަޤާމުގެ މަސްއޫލިއްޔަތުތަކުން ދުރުކުރުމަށް ވެސް ސައިފް އެދިވަޑައިގެންފިއެވެ.

ކައުންސިލަރ ސައިފް ފާހަގަކުރައްވާ ގޮތުގައި، އައު އެއްބަސްވުމެއް އުފެއްދުމަށް ނުވަތަ އެއްބަސްވުމާ ގުޅޭ އެއްވެސް ކަމަކަށް ކައުންސިލުން ރުހުން ދީފައެއް ނުވެއެވެ. އަދި ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ގަވާއިދުތަކުގެ ދަށުން، މިފަދަ ގޮތަކަށް އައު އެއްބަސްވުމެއް އުފެއްދުމާއި އެއްބަސްވުމުގެ އަގު ބަދަލުކުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށް ސައިފް ވިދާޅުވިއެވެ.

މި މައްސަލައަކީ ވަކި ފަރާތަކަށް ނާޖާއިޒު މަންފާ ހޯދައިދިނުމުގެ ގޮތުން ރިޝްވަތުގެ ލާލަޗުގައި ހިންގާފައިވާ ކޮރަޕްޝަނާއި ފަސާދައިގެ ޢަމަލެއް ކަމަށް ޤަބޫލުކުރެވޭ ކަމަށް ސައިފް ބުންޏެވެ. މި މައްސަލަ އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބަލަމުން ދިޔަ ނަމަވެސް، އޭސީސީއަށް ވެސް ހުށަހެޅުމުގެ މުހިންމުކަން ފާހަގަކުރައްވައި، މިހާރު ވަނީ އެ ކޮމިޝަނަށް މައްސަލަ ހުށަހަޅާފައެވެ.

އަންނަ ބުދަ ދުވަހު ބޭއްވޭ ކައުންސިލް ޖަލްސާއަށް ލީގަލް އޮފިސަރު ނަސީރު ޙާޟިރުކޮށް، މި ކަން ކުރި ސަބަބާއި، ކޮން މަޤްޞަދެއްގައި، ކޮން އިޖުރާއާތެއްގެ ދަށުން، ކާކުގެ އެންގުމަކުންތޯ ސުވާލުކުރުމަށް ސައިފް އެދިވަޑައިގެންފިއެވެ. އަދި ފުރަތަމަ އެއްބަސްވުމާއި ދެވަނަ އެއްބަސްވުމުގެ މައިގަނޑު ތަފާތުތައް އެކުލެވޭ ރިޕޯޓެއް އެ ޖަލްސާގައި ހުށަހެޅުމަށް މޭޔަރުގެ ކިބައިން އެދިވަޑައިގަތެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.