ލޯކަލް ކައުންސިލުތަކުގެ ބާރުތައް ކަނޑުވާލުމަށް ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެނައި 16 ވަނަ އިސްލާހު ބާތިލުކުރުމަށް އެދި މައިން އިދިކޮޅު ޕާޓީ އެމްޑީޕީން ހައިކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.
ގާތްގަނޑަކަށް 100 ކައުންސިލަކުން އަދި އެމްޑީޕީން އެ އިސްލާހުތަކާ ދެކޮޅަށް ބަޔާން ނެރެ، ބިލު ތަސްދީގު ނުކުރެއްވުމަށް ގޮވާލާފައި ވަނިކޮށް، އޮގަސްޓު 14 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ބިލު ތަސްދީގުކުރައްވާފައެވެ.
އެމްޑީޕީން ކޯޓަށް ހުށަހެޅި މައްސަލައިގައި ފާހަގަކޮށްފައިވަނީ، މި އިސްލާހަކީ ގާނޫނުއަސާސީގެ 230 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ލާމަރުކަޒީ ނިޒާމުން އިދާރީ ދާއިރާތައް ހިންގުމުގެ އުސޫލާ ހިލާފު ބަދަލެއް ކަމަށެވެ. މީގެ އިތުރުން، ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ރައްޔިތުން ހިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންކަން ހިންގުމަށް ލިބިދޭ ހައްގާއި، މުދާ ހޯދައި ގެންގުޅުމުގެ ހައްގު ނިގުޅިގެންދާނެ ކަމަށް ވެސް އެ ޕާޓީން ބުނެއެވެ.
މި ހަފުތާގައި ރައީސް މުއިއްޒު އަތޮޅުތެރެއަށް ކުރެއްވި ދަތުރުފުޅުގައި ވެސް ބައެއް ކައުންސިލްތަކުން އެ ބިލު ތަސްދީގު ނުކުރެއްވުމަށް އިލްތިމާސް ކުރިއެވެ. އެ މަނިކުފާނު ބޭއްވި ޖަލްސާތަކުގައި އެކި ކައުންސިލްތަކުގެ ރައީސުން ބިލާ ދެކޮޅަށް ވާހަކަ ދެއްކެވިއެވެ. ނަމަވެސް، ރައްޔިތުންގެ މި އިލްތިމާސްތަކަށް އިޖާބަދެއްވުމެއް ނެތި، ރައީސް މުއިއްޒު ވިދާޅުވީ މި އިސްލާހުތަކަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، އިތުރަށް ތަރައްގީކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލުތަކެއް ކަމަށެވެ.
މަޖިލީހުން ފާސްކުރި މި ބިލުން ކައުންސިލުތަކުގެ ވިޔަފާރި ކުރުމުގެ ބާރުތައް ވަރަށް ބޮޑަށް ހަނިކުރެވިގެން ދާނެއެވެ. އަމިއްލަ މީހަކު ކުރަމުންދާ ވިޔަފާރިއެއް ނުކުރެވޭ ގޮތް ހަދައި، އުމްރާނީ ތަރައްގީއަށް ކޮންމެހެން ބޭނުންވާ މަސައްކަތެއް ނޫނީ ނުކުރެވޭނެ ކަމަށް ކަނޑައަޅައިފައިވެއެވެ. ވިޔަފާރީގެ އިންވެސްޓްމަންޓު ނުވަތަ ރައުސުލްމާލު 10 މިލިއަން ރުފިޔާއަށް ވުރެ ބޮޑުވެގެން ނުވާނެ ކަމަށާއި، ކައުންސިލުން މިހާރު ކުރަމުންދާ ވިޔަފާރިތައް މި އުސޫލާ ހިލާފުވެއްޖެ ނަމަ ތިން މަސްދުވަސް ތެރޭގައި ހުއްޓާލަން ޖެހޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.
ތަންތަން ކުއްޔަށް ދިނުމަށް ވެސް ބޮޑެތި ހުރަސްތަކެއް އެޅިގެން ދާނެއެވެ. އަސާސީ ހިދުމަތް ދިނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިންތަކުން ކުލި ނެގުން މަނާކޮށްފައިވެއެވެ. އިދިކޮޅު ފާރާތްތަކުން ބުނަމުންދަނީ މާލީ ކަންކަމުގައި ވެސް ފިނޭންސް މިނިސްޓްރީގެ ނުފޫޒު ފޯރުވައި، ކައުންސިލުތަކުގެ ބޭންކް އެކައުންޓުތައް މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ދަށުން ބަލަހައްޓަން މި ބިލުން މަޖުބޫރުކުރުވާ ކަމުގައެވެ. ބިލުގައި ވާގޮތުން ފިނޭންސް މިނިސްޓްރީން ބޭނުންވެއްޖެ ހިނދެއްގައި ކައުންސިލުގެ ބޭންކު އެކައުންޓުގެ ސްޓޭޓްމަންޓް ދިނުމަށް ވެސް މަޖުބޫރުކުރެވޭނެއެވެ.
މީގެ އިތުރުން ކައުންސިލެއްގެ އުމުރުގައި ބާކީ އަހަރެއް އޮތް ނަމަ ދާއިމީ ނުވަތަ ކޮންޓްރެކްޓަށް މުވައްޒަފުން ނެގުމުގެ މަގު ބަންދުވެގެން ދާނެއެވެ. އަދި ކައުންސިލުގެ އިހުތިސާސްގެ ދަށުގައިވާ ބިމާއި ފަޅާއި ފަރުގެ ސަރަހައްދު ކުއްޔަށް ދޫކުރުން މަނާކޮށް، ތަރައްގީގެ އާ މަޝްރޫއުއެއް ހިންގުން ވެސް މަނާކޮށްފައިވެއެވެ.
ލާމަރުކަޒީ ގާނޫނަށް ގެނެވުނު މި 16 ވަނަ އިސްލާހަކީ، ކައުންސިލުތަކުގެ މިނިވަންކަމާއި އިހުތިޔާރު ކަނޑުވާލައި، ސަރުކާރުގެ ކޮންޓްރޯލް ބޮޑުކުރުމަށް ގެނައި ބަދަލެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދެއެވެ.
ކޮމެންޓު ފޮނުވާ