އެމެރިކާގެ "އެންމެ ހިތްހެޔޮ ފަނޑިޔާރު" ފްރެންކް ކެޕްރިއޯ 88 އަހަރުގައި ނިޔާވެއްޖެ

އެމެރިކާގެ "އެންމެ ހިތްހެޔޮ ފަނޑިޔާރު" ފްރެންކް ކެޕްރިއޯ 88 އަހަރުގައި ނިޔާވެއްޖެ

Author
ހުސައިން
21 އޮގަސްޓް 2025 10:26
0

ކޯޓަށް ހާޒިރުވާ މީހުންނާ މެދު ދައްކުވާ އޯގާތެރިކަމާއި ހަމްދަރުދީވުމުގެ ސަބަބުން ދުނިޔޭގެ އެތައް މިލިއަން ބަޔަކު ލޯބި ހޯދާފައިވާ އެމެރިކާގެ ފަނޑިޔާރު ފްރެންކް ކެޕްރިއޯ އިއްޔެ ނިޔާވެއްޖެއެވެ. އޭނާ ނިޔާވީ އުމުރުން 88 އަހަރުގައި، ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ރޯޑް އައިލެންޑް ސްޓޭޓްގެ ޕްރޮވިޑެންސް ސިޓީގެ މިއުނިސިޕަލް ކޯޓުގައި 40 އަހަރާ ގާތްކުރާ މުއްދަތެއް ފަނޑިޔާރުކަން ކުރެއްވި ކެޕްރިއޯގެ ނިޔާވުމުގެ ޚަބަރު އޭނާގެ ރަސްމީ ފޭސްބުކް ޕޭޖުން ވަނީ އާންމުކޮށްފަ އެވެ. އެ ބަޔާނުގައި ފާހަގަކޮށްފައި ވަނީ ފަނޑިޔާރު ކެޕްރިއޯގެ އިންސާނީ ސިފަތަކާއި، މީހުންނާ މެދު ދެއްކެވި އޯގާތެރިކަމުގެ ސަބަބުން އެތައް ބަޔެއްގެ ހިތްތަކުގައި އޭނާ އަބަދަށް ދިރިހުންނަވާނެ ކަމަށެވެ.

"ކޯޓް އިން ޕްރޮވިޑެންސް" ނަމުގައި ނެރެފައިވާ ޓެލެވިޜަން ޕްރޮގްރާމުގެ ސަބަބުން ކެޕްރިއޯ އަކީ އެމެރިކާގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް މަޝްހޫރު ޝަޚްސިއްޔަތެކެވެ. މި ޕްރޮގްރާމުގައި ދައްކުވާފައިވަނީ އޭނާގެ ކޯޓު ރޫމުގައި ހިނގާ ހަގީގީ މައްސަލަތަކެވެ. ޚާއްޞަކޮށް ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާ ވީޑިއޯތަކުގައި ފެންނަނީ، ޓްރެފިކް ޖޫރިމަނާ ފަދަ ކުދި މައްސަލަތަކުގައި ވެސް މީހުންގެ ޙާލަތަށް ރިޢާޔަތްކޮށް، އެ މީހުންގެ ވާހަކަ އަޑުއަހައި، ބައެއް ފަހަރު ޖޫރިމަނާ މަޢާފުކޮށްދެއްވާ މަންޒަރުތަކެވެ.

އޭނާގެ ކޯޓުގައި ހާޒިރުވި ސިންގަލް މަންމައަކަށް، ނުވަތަ މާލީ ދަތިކަމާ ކުރިމަތިލާފައިވާ މީހަކަށް، ނުވަތަ ބަލިވެފައިވާ މީހަކަށް ދެއްކެވި ރަޙުމާއި އިންސާފުވެރިކަމުގެ ސަބަބުން "ދުނިޔޭގެ އެންމެ ހިތްހެޔޮ ފަނޑިޔާރު" ގެ ލަގަބު ކެޕްރިއޯ އަށް ލިބިފައި ވެ އެވެ. އޭނާގެ ފަނޑިޔާރުކަމުގެ އުސޫލަކީ ގާނޫނު ތަންފީޒުކުރުމުގައި ވެސް އިންސާނީ ރަޙުމާއި އޯގާތެރިކަން ދެއްކުމެވެ.

ކެޕްރިއޯގެ މަސައްކަތާއި އޭނާގެ ޝަޚްސިއްޔަތުގެ ސަބަބުން އެމެރިކާގެ ޢަދުލު އިންސާފުގެ ނިޒާމުގައި އިންސާނީ ސިފަތަކުގެ މުހިންމުކަން ފާހަގަކުރެވި، އެތައް ފަނޑިޔާރުންނަކަށް އޭނާ އަކީ ނަމޫނާއެއް ކަމުގައި ވަނީ ވެފަ އެވެ. އޭނާގެ ނިޔާވުމާއި ގުޅިގެން އެމެރިކާގެ އެތައް ސިޔާސީ ލީޑަރުންނާއި ގާނޫނީ ދާއިރާގެ ބޭފުޅުން ވަނީ ތަޢުޒިޔާ ފާޅުކޮށްފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.