ދިވެހިރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޕިކްނިކް ރަށެއް ތަރައްޤީކުރުމުގެ މަޝްރޫޢެއް ސަރުކާރުން ފަށްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އއ. މަތިވެރީ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި މަޝްރޫޢުގެ ދިރާސާ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި އަމަލީ މަސައްކަތް އަވަހަށް ފެށޭނެ ކަމަށެވެ.
"ރަށްރަށުގެ ރައްޔިތުންނަށް ވަރަށް އުނދަގޫ، ފުރުޞަތު ނެތް އާއިލާއާއެކު ޕިކްނިކް ދާނެ ތަނެއް. ގެސްޓުން ގެންދާނެ ތަނެއްވެސް ނެތް. އެހެންވެ ކޮންމެ އަތޮޅަކަށް އެއް ރަށް ސަރުކާރުން ތަރައްޤީކޮށްދޭނަން،" ރައީސް ވިދާޅުވިއެވެ.
މަތިވެރީ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް އެންމެ ބޮޑަށް އަލިއަޅުއްވާލެއްވީ އެ ރަށުގައި އެއަރޕޯޓެއް ތަރައްޤީކުރުމުގެ މަޝްރޫޢަށެވެ. އެ މަޝްރޫޢު އެމްއޭސީއެލްއާ ހަވާލުކޮށްފައިވާ ކަމަށާއި، 30 މަސްދުވަހުގެ ތެރޭގައި ރަންވޭ، ޓަރމިނަލް އަދި ބޭނުންވާ ހުރިހާ އިމާރާތްތަކެއް ނިންމައި އެއަރޕޯޓް ހުޅުވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެއަރޕޯޓް މަޝްރޫޢުގެ އިތުރުން ރައްޔިތުންގެ ބޯހިޔާވަހިކަމަށް 26.5 ހެކްޓަރުގެ ބިން ހިއްކޭނެ ކަމަށާއި، މި މަޝްރޫޢަކީ ފުރިހަމައަށް ދެކޮޅުޖެހޭ ފީސިބަލް މަޝްރޫޢެއް ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
މަތިވެރީގެ އެހެނިހެން ތަރައްޤީގެ މަޝްރޫޢުތަކުގެ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ސްކޫލްގައި ހުއްޓިފައިވާ މަޝްރޫޢުގެ އެއްބަސްވުން ބާޠިލްކޮށް އެމްޓީސީސީއާ އަލުން ހަވާލުކޮށްފައިވާ ކަމަށާއި، ދިރާސީ އައު އަހަރަށް އެ އިމާރާތް ބޭނުންކުރެވޭނެ ކަމަށެވެ.
ސިއްޙީ މަރުކަޒުގެ ހުއްޓިފައިވާ މަސައްކަތް ކުރިއަށްދާނެ ގޮތްވެސް ރައީސް ހާމަކުރެއްވިއެވެ. މިހާރު މަސައްކަތް ކުރާ ކުންފުނީގެ އަތުން މަޝްރޫޢު އަތުލައި އެހެން ކުންފުންޏަކާ ހަވާލުކުރުމަށް ނިންމަވާފައިވާ ކަމަށާއި، ސިއްޙީ ޚިދުމަތުގެ ފެންވަރު މަތިކޮށް މުވައްޒަފުންގެ ދަތިކަން ހައްލުކުރުމަށް އިންސާނީ ވަސީލަތް ހަމަކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
500 މީހުންގެ ޖާގައިގެ ޒަމާނީ މިސްކިތެއް މަތިވެރީގައި އެޅުމުގެ މަސައްކަތް މިއަހަރު ފެށޭނެ ކަމަށްވެސް ރައީސް އިއުލާނުކުރެއްވިއެވެ. މި މިސްކިތުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރެވޭނެ ކަމަށާއި، ކްލާސްރޫމާއި ލައިބްރަރީ ހިމެނޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ކުޅިވަރުގެ ދާއިރާއަށްވެސް ރައީސް އަލިއަޅުއްވާލައްވައި، ހޭންޑްބޯލް ކޯޓެއް އެޅުމުގެ މަސައްކަތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ފަށްޓަވާނެ ކަމަށް ވިދާޅުވިއެވެ. މަގުހެދުމުގެ މަޝްރޫޢު އަންނަ އަހަރު ކުރިއަށްދާނެ ކަމަށާއި، ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށްވެސް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންފައިވާ ހުރިހާ ވައުދުތަކެއް މި ދައުރުގައި ފުރިހަމަކުރައްވާނެ ކަމަށް ރައީސް ޔަޤީންކަން ދެއްވިއެވެ. "ކޮންމެ ވައުދެއްވީ ވަރަށް ސީރިއަސްކަމާއެކު. މިސަރުކާރުން މަސައްކަތްކުރާނީ ސީރިއަސްކަމާއެކު ވަރަށް ހެޔޮ ނިޔަތުގައި،" ރައީސް ވިދާޅުވިއެވެ.
ނަތީޖާ ނެރެދިނުން ފިޔަވައި އެހެން އެއްވެސް ނިޔަތެއް ސަރުކާރުގައި ނެތް ކަމަށާއި، ހުރިހާ މަސައްކަތްތަކެއް ބާރު ދުވެލީގައި ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ