މަތިވެރިން ޖާބިރަށް ދޫކޮށްފައި އޮތް ބިން މަތިވެރި ކައުންސިލާއި ހަވާލުކޮށްފި

މަތިވެރިން ޖާބިރަށް ދޫކޮށްފައި އޮތް ބިން މަތިވެރި ކައުންސިލާއި ހަވާލުކޮށްފި

Author
ހުސައިން
19 އޮގަސްޓް 2025 11:10
0
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރުއަށް އއ.މަތިވެރީގެ ޓޫރިޒަމް ޒޯނުން ދޫކޮށްފައިވާ ބިން މަތިވެރި ކައުންސިލާއި ހަވާލުކޮށްފިއެވެ. މި ބިން ހަވާލުކުރެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މަތިވެރީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި މަތިވެރި ކައުންސިލާ ބިން ހަވާލުކުރުމުގެ ލިޔުން ހަވާލުކޮށްދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހިމްއެވެ. އަދި ކައުންސިލުން އެ ލިޔުމާއި ހަވާލުވެވަޑައިގަތީ ކައުންސިލްގެ ރައީސް އަޙްމަދު އަޞްލަމްއެވެ.

މަތިވެރި ޓޫރިޒަމް ޒޯނުން ދޫކޮށްފައިވާ މި ބިމުގައި މިހާރު ގެންދަނީ ކާސާމިއާގެ ނަމުގައި 50 ކޮޓަރީގެ ގެސްޓްހައުސްއެއް ހިންގަމުންނެވެ. މި ބިން މަތިވެރި ކައުންސިލާ ހަވާލުކުރުމަކީ އެ ރަށުގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ.

ފާހަގަކޮށްލެވޭ ކަމަކީ، މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 9 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އއ.މަތިވެރީގެ ރައްޔިތުންނަށް އެ ބިން ލިބޭނެ ގޮތް ހައްދަވައިދެއްވާނެކަމަށް ވިދާޅުވެފައެވެ. މިއަދު އެ ވަޢުދު ފުއްދަވައިދެއްވާފައިވާކަން ފާހަގަކުރެވެއެވެ.

މި ބިން ކައުންސިލާ ހަވާލުކުރެވުމާއެކު، ކުރިއަށް އޮތް ތަނުގައި މި ބިމުގެ ބޭނުން ރަށުގެ ތަރައްޤީއަށާއި ރައްޔިތުންގެ ލާބައަށް ހިފޭނެ ގޮތްތަކެއް ރޭވިގެންދާނެކަމަށް ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.