ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލް އެއްކޮށްލައި، ބޮޑެތި ޖޫރިމަނާތައް ކަނޑައެޅުމުގެ ބާރުތަކާއެކު މީޑިއާ ރެގިއުލޭޓް ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޓަރީ ބިލު" ގެ އިބުތިދާއީ ބަހުސް މިއަދު ހުއްޓާލައި، މެންބަރުންނަށް އިތުރަށް ދިރާސާކުރުމުގެ ފުރުޞަތު ދިނުމަށް މަޖިލީހުގެ ރައީސް ނިންމަވައިފިއެވެ.
ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު އަމިއްލަ ހައިސިއްޔަތުން ހުށަހެޅުއްވި މި ބިލުގެ އިބުތިދާއީ ބަހުސްގައި އިދިކޮޅު އެމްޑީޕީ އާއި ޕީއެންސީގެ މެންބަރުން ބައިވެރިވެ، ބިލާ ދެކޮޅަށް ވާހަކަދެއްކެވި އެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މިއަދު ފުރަތަމަ ކިޔުން އިއްވައި އިބުތިދާއީ ބަހުސް ފެށި މި ބިލަށް ހުރިހާ މެންބަރުންވެސް ވާހަކަދައްކަން ބޭނުންވާކަން ފާހަގަކުރެވުނު ކަމަށާއި، މިހާތަނަށް ވާހަކަދެއްކެވި މެންބަރުންގެ ވާހަކަފުޅުތަކުން ބިލު އިތުރަށް ދިރާސާކުރަން ބޭނުންވާކަން ވިސްނިވަޑައިގެންނެވި ކަމަށެވެ. އެހެންކަމުން މެންބަރުންނަށް ބިލު ރަނގަޅަށް ދިރާސާކުރައްވައިގެން ހަގީގަތުގެ މައްޗަށް ވާހަކަދައްކާނެ ޖާގަ ދިނުމުގެ ގޮތުން މިއަދަށް ބަހުސް ނިންމާލައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
މި ބިލުގައިވާ ގޮތުން، މިހާރު އޮތް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އުވާލައި، އެއް ކޮމިޝަނެއްގެ ގޮތުގައި "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން" އުފައްދަން ހުށަހަޅާފައިވެ އެވެ. މި ކޮމިޝަނަށް ނޫސްތައް ރަޖިސްޓަރީ ކުރުމާއި، ނޫސްވެރިންގެ ދަފްތަރެއް އެކުލަވާލުމާއި، ނޫސްތަކުގެ ސުލޫކު ކަނޑައެޅުމާއި، މީޑިއާ މޮނީޓަރ ކުރުމާއި، ބްރޯޑްކާސްޓް ކުރުމަށް ލައިސަންސް ދޫކުރުމުގެ ބާރުތައް ލިބިދީފައިވެ އެވެ.
އާ ކޮމިޝަންގައި ހިމެނޭ ހަތް މެންބަރުންގެ ތެރެއިން ތިން މެންބަރުންނާއި ކޮމިޝަންގެ ރައީސް އައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާ އެވެ. ބާކީ ތިން މެންބަރުން ހޮވާނީ ރަޖިސްޓަރީ ކުރިތާ ފަސް އަހަރުވެފައިވާ މީޑިއާތަކުން ވޯޓު ދީގެންނެވެ.
ބިލުގައި ހިމެނޭ އެންމެ ބޮޑު ބަދަލުތަކުގެ ތެރޭގައި، އެއްލައްކަ ރުފިޔާ ހަމައަށް ނޫހެއް ޖޫރިމަނާކުރުމުގެ ބާރު ކޮމިޝަނަށް ދިނުމާއި، ނޫހެއްގެ ރަޖިސްޓަރީ ވަގުތީ ގޮތުން ހިފެހެއްޓުމާއި، ކޯޓު މެދުވެރިކޮށް ރަޖިސްޓަރީ ބާތިލްކުރުމުގެ ބާރު ދިނުން ހިމެނެ އެވެ. މީގެ އިތުރުން ނިއުސް ވެބްސައިޓްތައް ބްލޮކް ކުރުމާއި ޓީވީ ބްރޯޑްކާސްޓް ހުއްޓުވުމުގެ ބާރުވެސް ކޮމިޝަނަށް ލިބިދީފައިވެ އެވެ.
އާ ކޮމިޝަނަށް ބެލޭނީ ބިލް ތަސްދީގު ކުރާ ދުވަހުގެ ކުރިން އެއް އަހަރަށް ވުރެ ގިނަ ދުވަސް ނުވާ މައްސަލަތަކާއި، ތަސްދީގު ކުރުމަށްފަހު ހުށަހަޅާ މައްސަލަތައް ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ. ކޮމިޝަނަށް މެންބަރުން އައްޔަންކުރެވެންދެން ވަގުތީ ގޮތުން ކޮމިޝަން ހިންގާނީ ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅާ ފަސް މެންބަރުންގެ ކޮމިޓީއަކުން ކަމަށްވެސް ބިލުގައި ހިމަނާފައިވެ އެވެ.
ކޮމެންޓު ފޮނުވާ