ރާއްޖޭގެ މީޑިއާ ދާއިރާ ރެގިއުލޭޓްކުރާ ދެ މުއައްސަސާ އެއް ކޮމިޝަނެއްގެ ދަށަށް ގެނައުމަށް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން" ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބަހުސް ފަށައިފިއެވެ.
ބިލް ހުށަހެޅުއްވި މެންބަރު ވިދާޅުވި ގޮތުގައި މި ބިލުގެ ބޭނުމަކީ ނޫސްވެރިކަމުގެ މިނިވަންކަން އިތުރަށް ހަރުދަނާކޮށް، މީޑިއާ ދާއިރާ ތަރައްގީކުރުމުގެ އިތުރުން ދޮގު ޚަބަރުތައް ފެތުރުން މަދުކުރުމެވެ. ހަމައެއާއެކު ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތައް ޒިންމާދާރު ގޮތެއްގައި ބޭނުންކުރުމަށްޓަކައި މީޑިއާތަކާއި ނޫސްވެރިން އަމަލުކުރަންޖެހޭ މިންގަނޑުތައް ކަނޑައެޅުމަށްވެސް މި ބިލުން ފުރުޞަތު ފަހިވާނެ ކަމަށް މެންބަރު ފާހަގަކުރެއްވިއެވެ.
މި ބިލު ފާސްވެ ގާނޫނަކަށް ވެއްޖެނަމަ އުފެދޭ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން" ގައި ހިމެނޭނީ ހަތް މެންބަރުންނެވެ. މީގެ ތެރެއިން ތިން މެންބަރުން އައްޔަންކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްފަހު ރައީސުލްޖުމްހޫރިއްޔާއެވެ. ބާކީ ހަތަރު މެންބަރުން ހޮވާނީ މީޑިއާތަކުގެ ފަރާތުން އިންތިޚާބު މެދުވެރިކޮށެވެ. ކޮމިޝަނުގެ ރައީސަކު ކަނޑައަޅުއްވާނީވެސް މަޖިލީހުގެ ރުހުން ލިބިގަތުމަށްފަހު ރައީސުލްޖުމްހޫރިއްޔާއެވެ.
މިހާރު ހިނގަމުންދާ މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން މި ގާނޫނު އަމަލުކުރަން ފެށުމުން އުވިގެންދާނެއެވެ. އެއާއެކު މޯލްޑިވްސް މީޑިއާ ކައުންސިލުގެ ގާނޫނާއި ނޫސް މަޖައްލާފަދަ ތަކެތީގެ ގާނޫނު ބާޠިލުވެ، ބްރޯޑްކާސްޓުކުރުމުގެ ގާނޫނުގެ ބައެއް މާއްދާތައްވެސް އުނިވާނެއެވެ.
އައު ބިލުގައި މީޑިއާތަކުން ތަބާވާންޖެހޭ ގަވާއިދުތަކާއި އުސޫލުތަކުގެ އިތުރުން، އެ ގަވާއިދުތަކާ ޚިލާފުވާ ފަރާތްތަކާމެދު އެޅޭނެ ފިޔަވަޅުތައްވެސް ތަފްސީލުކޮށް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން އައު ކޮމިޝަނުން ދިވެހިރާއްޖޭގައި މަސައްކަތްކުރާ ނޫސްވެރިންނާއި އެޑިޓަރުންގެ ރަޖިސްޓަރީއެއް ތައްޔާރުކޮށް ބެލެހެއްޓުމަކީވެސް ކޮމިޝަނުގެ ޒިންމާއެއްކަމުގައި ބިލުގައި ހިމަނާފައިވެއެވެ.
ކޮމެންޓު ފޮނުވާ