ނިއުޕޯޓް ރެސްޓޯރެންޓުގެ 1.1 މިލިއަން ރުފިޔާގެ ކުލީގެ މައްސަލަ ސަރުކާރުން އެދިގެން ބާތިލްކޮށްފި

ނިއުޕޯޓް ރެސްޓޯރެންޓުގެ 1.1 މިލިއަން ރުފިޔާގެ ކުލީގެ މައްސަލަ ސަރުކާރުން އެދިގެން ބާތިލްކޮށްފި

Author
ހުސައިން
18 އޮގަސްޓް 2025 04:37
0

ލޮނުޒިޔާރަތްކޮޅުގައި ހުރި ބްރިޖު ވިއުއިން ޕްލެޓްފޯމުގައި ސްޓްރާޑާ ކުންފުނިން ހިންގި ނިއުޕޯޓް ރެސްޓޯރެންޓުން ދައުލަތަށް ދައްކަންޖެހޭ 1.1 މިލިއަން ރުފިޔާގެ ކުލި ހޯދުމަށް ސިވިލް ކޯޓުގައި ހިންގި މައްސަލަ، ސަރުކާރުގެ އެދުމަކަށް އިއްޔެ ކޯޓުން ބާތިލްކޮށްފިއެވެ.

2016 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ރެސްޓޯރެންޓަކާއި ފުޓްސަލް ދަނޑަކާއި ބްރިޖު ބެލުމަށް ޕްލެޓްފޯމެއް ތަރައްގީކުރުމަށް އެ ބިން ސްޓްރާޑާ ކުންފުންޏާ ހަވާލުކުރިއެވެ. އެހެންނަމަވެސް ކުލި ނުދެއްކުމުގެ ސަބަބުން 2019 ގައި މިދިޔަ ސަރުކާރުން އެ އެއްބަސްވުން ބާތިލްކޮށް، ބިން ހުސްކުރުމަށާއި ނުދައްކާ ހުރި ފައިސާ ހޯދުމަށް ކޯޓަށް ހުށަހެޅިއެވެ.

ސިވިލް ކޯޓުން 2019 ގައި ސްޓްރާޑާ ކުންފުނިން ބިން ހުސްކޮށް 1.1 މިލިއަން ރުފިޔާ ދައުލަތަށް ދެއްކުމަށް ހުކުމްކުރިއެވެ. މި ހުކުމަށް ހައިކޯޓާއި ސުޕްރީމް ކޯޓުން ވެސް ތާއީދުކޮށް، އެއް މަސްދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް އަމުރުކުރިއެވެ.

ކުންފުނިން ބިން ސަރުކާރަށް ހަވާލުކުރި ނަމަވެސް ކުލި ނުދެއްކުމުން ތަންފީޒީ މައްސަލަ ސިވިލް ކޯޓުގައި ފެށުނެވެ. އެކަމަކު ބަންޑާރަ ނައިބުގެ އޮފީހުން ފޮނުވި ސިޓީއެއްގައި މައްސަލަ އިތުރަށް ކުރިއަށް ނުގެންދިއުމަށް އެދުމުން، ކޯޓުން އިއްޔެ މި މައްސަލަ ބާތިލްކޮށްފައިވެއެވެ.

އޭރު ސްޓްރާޑާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ ޕީޕީއެމްގެ ކައުންސިލް މެމްބަރު ޒާހިދު ރަމީޒެވެ. ވެރިކަން ބަދަލުވުމާއެކު އޭނާ އެ މަގާމުން އިސްތިއުފާ ދީފައިވެއެވެ.

މީގެ އިތުރުން ސިނަމާލެ ބްރިޖު ސަރަހައްދުގައި ސްޓްރާޑާ ކުންފުނިން ހިންގި "ޗާ ޓައިމް" ސަރުކާރުން ތަޅާލުމުން، ބަދަލުގެ ގޮތުގައި 14.4 މިލިއަން ރުފިޔާ ހޯދުމަށް ކުންފުނިން އެދުނެވެ. ނަމަވެސް އެންޓި ކޮރަޕްޝަން ކޮމިޝަނުން އެ ފައިސާ ދޫކުރުން މަޑުޖައްސާލުމަށް އެންގިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.