އެމްޕީއެލްއިން ހަފްތާއެއްގެ ތެރޭގައި 1500 އަށްވުރެ ގިނަ ކޮންޓެއިނަރު ކްލިއަރކޮށްފި

އެމްޕީއެލްއިން ހަފްތާއެއްގެ ތެރޭގައި 1500 އަށްވުރެ ގިނަ ކޮންޓެއިނަރު ކްލިއަރކޮށްފި

Author
ޙަސަން މުޙައްމަދު
17 އޮގަސްޓް 2025 10:53
0

ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓް ވިޔަފާރީގައި މުހިންމު ރޯލެއް އަދާކުރާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިދިޔަ ހަފްތާގައި 1،509 ކޮންޓެއިނަރު ކްލިއަރކޮށްފިއެވެ. އޮގަސްޓު 10 އިން 17 އަށް ކްލިއަރކުރި މި ކޮންޓެއިނަރުތަކުގެ ތެރޭގައި 597 ވިހި ފޫޓުގެ ކޮންޓެއިނަރާއި 456 ސާޅީސް ފޫޓުގެ ކޮންޓެއިނަރު ހިމެނެއެވެ.

މި މުއްދަތުގެ ތެރޭގައި އެންމެ ގިނައިން އިމްޕޯޓްކުރެވިފައިވާ އަވަހަށް ހަލާކުވާ ބާވަތްތަކުގެ ތެރޭގައި ފިޔާ ފާހަގަކުރެވެއެވެ. އެމްޕީއެލްގެ ތަފާސް ހިސާބުތައް ދައްކާގޮތުން 14،640 ޕެކޭޖުގެ ފިޔާ ވަނީ ކްލިއަރކޮށްފައެވެ. ހަމައެއާއެކު ބިހުގެ ޕެކޭޖުތަކާއި، ކަރާ، އަލުވި އަދި ޓޮމާޓޯ ވެސް ގިނަ އަދަދަކަށް ވަނީ އިމްޕޯޓްކޮށްފައެވެ.

މޭވާތަކުގެ ގޮތުގައި 6،660 ޕެކޭޖުގެ އަކަރާ، 2،624 ޕެކޭޖުގެ އަލަނާސި އަދި 2،555 ޕެކޭޖުގެ ދޮންކެޔޮ ވަނީ ރާއްޖެ އެތެރެކޮށްފައެވެ. ތަރުކާރީގެ ބާވަތްތަކުން ނަމަ 2،729 ޕެކޭޖުގެ ކެބެޖާއި 1،234 ޕެކޭޖުގެ ބަރަބޯ ކްލިއަރކޮށްފައިވާކަން އެމްޕީއެލްއިން ބުނެއެވެ.

މި ބޮޑު އޮޕަރޭޝަން ކުރިއަށް ގެންދިއުމަށްޓަކައި އެމްޕީއެލްއިން ބޭނުންކޮށްފައިވަނީ 4 ކޮންޓެއިނަރ އުޅަނދާއި 4 ޖެނެރަލް ކާގޯ އުޅަނދެވެ. މި ތަފާސް ހިސާބުތަކުން ފެންނަނީ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ދެމެހެއްޓުމުގައާއި އިމްޕޯޓް ވިޔަފާރި ހަލުވިކޮށް ކުރިއަށް ގެންދިއުމުގައި އެމްޕީއެލް އަދާކުރާ މުހިންމު ދައުރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.