ތުރުކީން ހަދިޔާކުރި "ދަރުމަވަންތަ" މަނަވަރުގެ ކޮމާންޑަރަކަށް ލެފްޓިނެންޓް ކާނަލް ހަސަން ޝިނާން

ތުރުކީން ހަދިޔާކުރި "ދަރުމަވަންތަ" މަނަވަރުގެ ކޮމާންޑަރަކަށް ލެފްޓިނެންޓް ކާނަލް ހަސަން ޝިނާން

Author
ހުސައިން
16 އޮގަސްޓް 2025 01:53
0

ތުރުކީ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކޮށްފައިވާ އަސްކަރީ މަނަވަރު "ދަރުމަވަންތަ" ގެ ކޮމާންޑިން އޮފިސަރުގެ މަގާމަށް ލެފްޓިނެންޓް ކާނަލް ހަސަން ޝިނާން ހަމަޖައްސަވައިފިއެވެ. ދިވެހިރާއްޖެ އިސްލާމްވިއިރު ވެރިކަމުގައި ހުންނެވި ދަރުމަވަންތަ ރަސްގެފާނުގެ ނަން މި މަނަވަރަށް ދީފައިވަނީ ތާރީޚީ އަހައްމިއްޔަތު ފާހަގަކުރުމުގެ ގޮތުންނެވެ.

ތުރުކީ ނޭވީގެ ފްލީޓު ކޮމާންޑަރު އެޑްމިރަލް ކަދިރް ޔިލްޑްޒް މި މަނަވަރު ރާއްޖެއާ ހަވާލުކުރެއްވިއިރު، ދިވެހިރާއްޖޭގެ ފަރާތުން ބަލައިގަތީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީއެވެ. ރޭ ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސް މުހައްމަދު މުއިއްޒު، ލެފްޓިނެންޓް ކާނަލް ޝިނާންއާ ދިވެހި ދިދަ ހަވާލުކުރެއްވުމާއެކު، އެ ދިދަ މަނަވަރުގައި ނެންގެވިއެވެ.

މިސައިލް ފޮނުވުމުގެ ޤާބިލިއްޔަތު ލިބިފައިވާ މި މަނަވަރަކީ ޖަރުމަނު ކުންފުންޏަކުން ޑިޒައިންކޮށް ތައްޔާރުކުރި، ވަޔާއި ކަނޑުގެ މަގުން ހަމަލާދިނުމުގެ ޤާބިލިއްޔަތު ހުރި ޑޮލްގަން ކްލާސްގެ އުޅަނދެކެވެ. 1984 ވަނަ އަހަރު މެއި މަހުން ފެށިގެން ތުރުކީ އަސްކަރިއްޔާއިން ޓީސީޖީ ވޮލްކަންގެ ނަމުގައި ޚިދުމަތުގައި ބޭނުންކުރަމުން އައި މި އުޅަނދު، 1981 ވަނަ އަހަރުގެ މެއި 12 ގައި ކޮމިޝަންކުރެވުނު އުޅަނދެއްކަމުން އަންނަ މަހު މި މަނަވަރަށް 44 އަހަރު ފުރޭނެއެވެ.

މި މަނަވަރު އޮޕަރޭޓުކޮށް މަރާމާތުކުރުމަށް ބޭނުންވާ ހުނަރު ހާސިލުކުރުމަށްޓަކައި ދިވެހި ސިފައިންގެ ޓީމެއް ތުރުކީގައި ތަމްރީނު ފުރިހަމަކޮށްފައިވާއިރު، މި މަނަވަރު ދުއްވައި ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އުފުލާނީ ދިވެހި ސިފައިންނެވެ. ރާއްޖެއަށް ގެނެސްދެވުނީ މަނަވަރުގެ ރީފިޓިން މަސައްކަތް ނިންމުމަށްފަހުގައެވެ.

މީގެއިތުރުން، ތުރުކީ ސަރުކާރުން ދިވެހި ސިފައިންނަށް އިތުރު މަނަވަރެއް ހަދިޔާކުރުމަށް ނިންމާފައިވާކަން ފާހަގަކުރެވެއެވެ. މިހާރު ތުރުކީ ސިފައިން ޓެސްޓިންއާއި ތަމްރީނުތަކުގައި ބޭނުންކުރަމުންދާ ޓީސީޖީ ޓޭފުން ނަމުގައި ހިދުމަތްކުރާ ޑޯގަން ކްލާސްގެ މަނަވަރެއް ކަމަށްވާއިރު، މި ދެ މަނަވަރު ލިބުމުން ދިވެހި ސިފައިންގެ ކަނޑުގެ ޤާބިލިއްޔަތު އިތުރަށް ވަރުގަދަވާނެކަމަށް ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.