ރަޝިޔާ-ޔުކްރެއިން ހަނގުރާމަ ހުއްޓުވުމަށް މަސައްކަތްކުރުމުގެ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން އެލަސްކާގައި ތާރީޚީ ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުމަކީ ތިން އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރެވޭ އެންމެ ބޮޑު ޑިޕްލޮމެޓިކް މަސައްކަތުގެ ގޮތުގައި ބައިނަލްއަޤްވާމީ މުޖުތަމަޢު ބަލައިގަންނަ ބައްދަލުވުމެކެވެ.
ޕުޓިން އެލަސްކާއަށް ވަޑައިގަތުމުން ޓްރަމްޕް ވަނީ ރަސްމީކޮށް މަރުޙަބާ ކިޔުއްވައި، ދެ ލީޑަރުންގެ ދެމެދުގައި ސީދާ މަޝްވަރާތައް ފައްޓަވައިފައެވެ. މި ބައްދަލުވުމުގައި އެމެރިކާގެ ފަރާތުން ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއާއި ރަޝިޔާއަށް ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފް ބައިވެރިވި އިރު، ރަޝިޔާގެ ފަރާތުން ފޮރިން މިނިސްޓަރ ސާގޭ ލަވްރޯވާއި ޕުޓިންގެ ފޮރިން ޕޮލިސީ އެޑްވައިޒަރ ޔޫރީ އުޝަކޯވް ބައިވެރިވިއެވެ.
ޓްރަމްޕް ވިދާޅުވެފައިވަނީ މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ދެ ޤައުމު އެއް މޭޒެއްގެ ދޮށަށް ގެނެސް، ވީހާވެސް އަވަހަކަށް ހަނގުރާމައިގައި މަރުވަމުންދާ މީހުންގެ އަދަދު ހުއްޓުވުން ކަމަށެވެ. "އަހަރެން ބޭނުންވަނީ މިހާރު ހިނގަމުންދާ މަރުތައް ހުއްޓުވަން. މި ބައްދަލުވުމުން އެ ނަތީޖާ ނުލިބިއްޖެނަމަ އަހަރެން އުފާނުވާނެ،" ޓްރަމްޕް ވިދާޅުވިއެވެ.
ޔުކްރެއިންގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީއަށް މި ފުރަތަމަ ބައްދަލުވުމުގެ ދަޢުވަތު ދެވިފައިނުވާ ކަމަށް ޓްރަމްޕް ބުނެފައިވީނަމަވެސް، މަޝްވަރާތައް ކާމިޔާބުވެއްޖެނަމަ ދެން އެންމެ އިސްކަމެއް ދޭނީ ތިން ލީޑަރުން ހިމެނޭ ބައްދަލުވުމެއް ބޭއްވުމަށް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ރަޝިޔާގެ ރިޔާސީ ގަނޑުވަރުގެ ތަރުޖަމާނު ވެސް ވިދާޅުވެފައިވަނީ އެލަސްކާ މަޝްވަރާތައް ކާމިޔާބުވެއްޖެނަމަ އެފަދަ ދެވަނަ ބައްދަލުވުމެއްގެ އުންމީދު އޮތް ކަމަށެވެ. އެހެންނަމަވެސް މި ބައްދަލުވުމަށްފަހު ނޫސްވެރިންނަށް ސުވާލު ކުރުމުގެ ފުރުސަތު ދީފައި ނުވާއިރު، ބައްދަލުވުމުން ރަޝިއާ-ޔޫކުރެއިން ހަނގުރާމަ ހުއްޓާލުމާއި ގުޅޭ އެއްބަސްވުމަކާ ހަމަޔަށް އާދެވުނު ކަމެއްވެސް ދެގައުމުން ހާމަ ކޮށްފައެއް ނުވެއެވެ.
ބައްދަލުވުމުގެ ކުރިން ޓްރަމްޕް މީޑިއާއަށް ވިދާޅުވެފައިވަނީ ޕުޓިންއާ ދެމެދުގައި އޮތީ އިޙްތިރާމުގެ ގުޅުމެއް ކަމަށާއި، ޕުޓިންއަކީ "ވަރަށް ސްމާޓް" ބޭފުޅެއް ކަމަށެވެ. ނަމަވެސް ޓްރަމްޕް ފާހަގަކުރެއްވި ގޮތުގައި، ދެ ޤައުމުގެ ދެމެދުގައި ކުރަންހުރި މުހިންމު މަސައްކަތްތަކެއް އެބަހުއްޓެވެ.
ދެވަނަ ބޮޑު ހަނގުރާމައަށްފަހު ޔޫރަޕުގައި ހިނގި އެންމެ ބޮޑު ހަނގުރާމަ ކަމަށްވާ ރަޝިޔާ-ޔުކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމަށް މިހާތަނަށް ކުރެވުނު އެތައް މަސައްކަތެއް ފޭލްވެފައިވާއިރު، މި ބައްދަލުވުމުން އެކަމަށް އަލިމަގެއް ފެނިގެންދާނެ ކަމަށް ބައިނަލްއަޤްވާމީ ތަޖުރިބާކާރުން އުންމީދުކުރެއެވެ. ޚާއްޞަކޮށް ޓްރަމްޕްގެ ސީދާ ޑިޕްލޮމެޓިކް އެޕްރޯޗާއި، ދެ ލީޑަރުންގެ ދެމެދުގައި އޮތް ޒާތީ ގުޅުމުގެ ސަބަބުން ސުލްޙައިގެ މަގު ހުޅުވިގެންދާނެ ކަމަށް ގިނަ ފަރާތްތަކުން ޤަބޫލުކުރެއެވެ.
ކޮމެންޓު ފޮނުވާ