މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރުނު ޕޭމެންޓްސް ބުލެޓިންގައި ހާމަކޮށްފައިވާ ގޮތުގައި، ރާއްޖޭގެ ބޭންކުތަކުގެ އެކައުންޓް ޓްރާންސްފާ ސިސްޓަމް މެދުވެރިކޮށް 2024 ވަނަ އަހަރު ޖުމުލަ 768.5 ބިލިއަން ރުފިޔާގެ މުއާމަލާތްތައް ހިންގާފައިވެ އެވެ. މިއީ ފާއިތުވި އަހަރުތަކާ އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެކެވެ.
މަރުކަޒީ ބޭންކުން ހާމަކުރި މައުލޫމާތު ދައްކާ ގޮތުން، މިދިޔަ އަހަރު ޓްރާންސްފާ ސިސްޓަމް ބޭނުންކޮށްގެން 132.3 މިލިއަން މުއާމަލާތް ހިންގާފައިވެ އެވެ. މީގެ ތެރެއިން 131.4 މިލިއަން މުއާމަލާތަކީ، ނުވަތަ ޖުމުލަ މުއާމަލާތްތަކުގެ 79 ޕަސެންޓަކީ ރާއްޖޭގެ އެތެރޭގައި ހިންގާފައިވާ ޑޮމެސްޓިކް މުއާމަލާތްތަކެވެ. ރާއްޖޭގެ އެތެރޭގައި އެކައުންޓުން އެކައުންޓަށް ބަދަލުކުރި ފައިސާގެ ޖުމުލަ އަދަދަކީ 606.9 ބިލިއަން ރުފިޔާ އެވެ.
ބައިނަލްއަޤުވާމީ ފެންވަރުގައި ހިންގި މުއާމަލާތްތަކަށް ބަލާއިރު، 841،000 އިންޓަނޭޝަނަލް ޓްރާންސްފާ މުއާމަލާތް ހިންގާފައިވާއިރު، މި މުއާމަލާތްތަކުގެ ޖުމުލަ އަގަކީ 161.6 ބިލިއަން ރުފިޔާ އެވެ. މިއީ ރާއްޖެއިން ބޭރު ޤައުމުތަކަށް ފައިސާ ފޮނުވުމާއި، ބޭރުން ރާއްޖެއަށް ފައިސާ ލިބުމުގެ މުއާމަލާތްތައް ހިމެނޭ އަދަދެކެވެ.
ފާއިތުވި އަހަރުތަކަށް ބަލާއިރު، ޓްރާންސްފާ ހިދުމަތުގެ ބޭނުން ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ކަން ފާހަގަކުރެވެ އެވެ. 2019 ވަނަ އަހަރު 225 ބިލިއަން ރުފިޔާގެ މުއާމަލާތް ހިންގާފައިވާއިރު، 2020 ގައި މި އަދަދު 235 ބިލިއަން ރުފިޔާއަށް އިތުރުވެފައިވެ އެވެ. 2021 ވަނަ އަހަރު ވަނީ ބޮޑު ކުރިއެރުމެއް ލިބި 371 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. 2022 ގައި މި އަދަދު 563 ބިލިއަން ރުފިޔާއަށް އިތުރުވި އިރު، 2023 ގައި 557 ބިލިއަން ރުފިޔާގެ މުއާމަލާތް ހިންގާފައިވެ އެވެ.
މި އަދަދުތަކުން ދައްކާ ގޮތުން، ޑިޖިޓަލް ބޭންކިންގ ހިދުމަތްތައް ރާއްޖޭގައި ފުޅާވެ، ފައިސާގެ މުއާމަލާތްތައް ހިންގުމުގައި ޓެކްނޮލޮޖީގެ ބޭނުން އިތުރުވަމުން އަންނަ ކަން ސާފުކޮށް އެނގެ އެވެ. ހާއްސަކޮށް ކޮވިޑް-19 ޕެންޑެމިކަށް ފަހު، އޮންލައިން ބޭންކިންގ އާއި މޯބައިލް ބޭންކިންގ ހިދުމަތްތަކުގެ ބޭނުން ކުރާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
ކޮމެންޓު ފޮނުވާ