ބޮޑު ހިލަ ޖެހުމާ ގުޅޭ މަޝްރޫއުތަކަށް ފައިސާ ހުރީ ހަމަޖެހިފައި: ރައީސް

ބޮޑު ހިލަ ޖެހުމާ ގުޅޭ މަޝްރޫއުތަކަށް ފައިސާ ހުރީ ހަމަޖެހިފައި: ރައީސް

Author
ހުސައިން
14 އޮގަސްޓް 2025 03:20
0

ބޮޑު ހިލަ ޖެހުމާ ގުޅޭ މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށާއި، އެ މަސައްކަތްތައް ވަރަށް އަވަހަށް ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މި ވާހަކަފުޅު ދެއްކެވީ ބ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މާޅޮހުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައެވެ.

މާޅޮހު ބަނދަރުގެ މައްސަލަ ޙައްލުކުރުމަކީ ރައީސް ވެވަޑައިގެންފައިވާ ވަޢުދެއް ކަމުގައި ވިދާޅުވެ، ބަނދަރުގެ މަސައްކަތް މިހާރު ކުރިއަށްދާ ސްޕީޑަށްވުރެ އަވަސްކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި ބޮޑު ހިލަ ހޯދުމުގެ މަރުޙަލާގައި އެކި ރަށްރަށުގައި ގިނަ މަޝްރޫޢުތައް ފެށުމުގެ މަރުޙަލާގައި ހުރި ކަމަށް ވިދާޅުވިއެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫޢުތަކަކީ ފައިސާއާ ގުޅިފައިވާ ކަންތައްތަކަށް ވުމުން، އެކަމަށް ވަގުތު ނެގުނު ނަމަވެސް މިހާރު މި މަސައްކަތްތައް ކުރިއަށް ގެންދެވޭނެ މަގު ފަހިވެފައިވާ ކަމަށް ވިދާޅުވިއެވެ. ބަނދަރުގެ މަސައްކަތް ނިމިގެންދާއިރު، އިތުރުކުރެވޭ ބިމުގެ ޖާގައަށް ރަށުގެ އިންޖީނު ބަދަލުކުރުމުގެ މަސައްކަތާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ވެސް ފެށުމަށް ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ޞިއްޙަތާއި ހަށިހެޔޮކަމުގެ ދާއިރާގައި ތާވަލުކުރެވިފައިވާ މަސައްކަތްތައް މި އަހަރު ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން ސޮއިކުރެވިފައިވާ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން މަޝްރޫޢު ނިމިގެންދާއިރު އިތުރު ވަސީލަތްތައް ފުރިހަމަވެގެންދާނެ ކަމަށާއި، ފުޓުބޯޅަ ދަނޑުގެ މަޝްރޫޢު އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވިއެވެ. އަދި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރާއި އައުޓްޑޯ ޖިމްގެ މަސައްކަތް ވެސް މި އަހަރު ފެށޭނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

މާޅޮހު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ޙައްލެއް ގެނައުމަށް ސަރުކާރުން ބޭނުންފުޅުވާ ކަމަށް ފާހަގަކުރައްވައި، ސްކޫލުން ނުވަތަ ރައްޔިތުން އެދޭ ގޮތެއްގެ މަތިން ސްކޫލް ތަރައްޤީކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި މިއަދު މާޅޮހުގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތާއި ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފައްޓަވައިފިއެވެ. މީގެ އިތުރުން މާޅޮހުގައި އިމާރާތްކުރާ މިސްކިތުގެ އަމަލީ މަސައްކަތް ވެސް މިއަދު ފައްޓަވައިފިއެވެ. މި މަޝްރޫޢުތަކުން މާޅޮހުގެ ރައްޔިތުންނަށް ލިބޭ ޚިދުމަތްތައް ފުޅާވެ، ރަށުގެ ތަރައްޤީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.