ކިހާދޫގައި ބީއެމްއެލް އޭޓީއެމް ޚިދުމަތް ފަށައިފި، މިއަހަރު 45 ރަށެއްގައި އޭޓީއެމް ޤާއިމްކޮށްފި

ކިހާދޫގައި ބީއެމްއެލް އޭޓީއެމް ޚިދުމަތް ފަށައިފި، މިއަހަރު 45 ރަށެއްގައި އޭޓީއެމް ޤާއިމްކޮށްފި

Author
ހުސައިން
13 އޮގަސްޓް 2025 09:38
0

ބ. ކިހާދޫގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް މިއަދު ރަސްމީކޮށް ފެށިއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ކިހާދޫއަށް ވަޑައިގަތުމާއެކު، މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވިއެވެ.

ބީއެމްއެލްއިން މިއަހަރު މިހާތަނަށް 45 ރަށެއްގައި އޭޓީއެމް ޚިދުމަތް ފައްޓަވާފައިވާ ކަމަށް މި ރަސްމިއްޔާތުގައި ފާހަގަކުރެވުނެވެ. އޭޓީއެމް ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ކިހާދޫ ކައުންސިލަށް ހަނދާނީ ފިލައެއް އަރުވައިފިއެވެ.

ސަރުކާރާއި ބީއެމްއެލް ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރެވެއެވެ. ބީއެމްއެލްގެ ލަނޑުދަނޑިތަކުގެ ތެރޭގައި މިއަހަރު ނިމޭއިރު 100 އަށްވުރެ ގިނަ ރަށުގައި އޭޓީއެމް ބަހައްޓައި، މުޅި ރާއްޖޭގައި 250 އަށްވުރެ ގިނަ އޭޓީއެމް ޤާއިމްކުރުން ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ކިހާދޫއަށް ވަޑައިގަތުމުން، އެރަށުގެ ޒުވާން ކުދިންނާއި ބޮޑެތި މީހުން ގިނަ ބަޔަކު އެމަނިކުފާނަށް މަރުޙަބާ ދެންނެވިއެވެ. ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ކިހާދޫ ކައުންސިލުގެ ރައީސް ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ އެރަށަށް ވަޑައިގެން އެކި ޚިދުމަތްތައް ފައްޓަވައިދެއްވުމަށް ޝުކުރު އަދާކުރިއެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، މިއަހަރަކީ ގިނަ ކަންތައްތަކެއް ޢަމަލީ ސިފަ ލިބިގެންދާނެ އަހަރެއްކަމަށާއި، ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތައް ރަނުން ރަނަށް ފުއްދަވައިދޭނެ ކަމަށެވެ. އޭޓީއެމް ޚިދުމަތް ފެށުމުން ކިހާދޫ ރައްޔިތުންނަށް ބޭންކިންގ ޚިދުމަތްތައް ހޯދުމަށް ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.