ޒަކާތުގެ ނިޒާމު ހަރުދަނާކުރާ ގާނޫނެއް މަޖިލީހަށް ހުށަހަޅައިފި

ޒަކާތުގެ ނިޒާމު ހަރުދަނާކުރާ ގާނޫނެއް މަޖިލީހަށް ހުށަހަޅައިފި

Author
ހުސައިން
13 އޮގަސްޓް 2025 01:34
0

ރާއްޖޭގައި ޒަކާތުގެ ނިޒާމު ހަރުދަނާކޮށް، ޒަކާތް ދެއްކުމާއި ބަލައިގަތުމާއި ބެހުމުގެ ކަންކަން ރޭވިފައިވާ އުސޫލަކުން ކުރިއަށް ގެންދިއުމަށް ގާނޫނެއް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ. ވިލުފުށީ ދާއިރާގެ މެންބަރު ހަސަން ވަހީދު ހުށަހެޅުއްވި މި ބިލު، މަޖިލީހުން ބަލައިގަތީ ވޯޓުގައި ބައިވެރިވި 72 މެންބަރުންގެ އިއްތިފާގުންނެވެ.

މި ބިލުގައި މުދަލު ޒަކާތާއި ފިތުރު ޒަކާތް ދައްކަންޖެހޭ މީހުންނާއި، އެ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ އިތުރުން، ޒަކާތުގެ ބެހެނިވެރިން ކަމުގައިވާ ފަރާތްތައް ވެސް ތަފުސީލުކޮށް ބަޔާންކޮށްފައިވެއެވެ. މި ގާނޫނުގެ ދަށުން ޒަކާތާބެހޭ ގައުމީ ސިޔާސަތު ކަނޑައަޅާނީ އިސްލާމިކް މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

ޒަކާތުގެ ނިޒާމު ހިންގައި ބެލެހެއްޓުމަށް 9 މެންބަރުންގެ މައްޗަށް އެކުލެވޭ ޒަކާތު ކައުންސިލެއް އުފެއްދުމަށް ބިލުގައި ހިމަނާފައިވެއެވެ. މި ކައުންސިލުގައި އިސްލާމިކް މިނިސްޓަރާއި، ޒަކާތު ހައުސްގެ ޑިރެކްޓަރު ޖެނެރަލް، އެމްއެމްއޭ، ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒު، ފިނޭންސް މިނިސްޓްރީ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް އަދި އިސްލާމިކް މިނިސްޓްރީގެ ފަރާތުން މެންބަރުންނާއި، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ޒަކާތުގެ ދެ މާހިރުން ހިމެނޭނެއެވެ.

މިހާރު އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގާ މޯލްޑިވްސް ޒަކާތު ހައުސް، ސަރުކާރުގެ ވަކި އިދާރާއަކަށް ބަދަލުކުރުމަށް ބިލުގައި ހިމަނާފައިވެއެވެ. މީގެ އިތުރުން ޒަކާތު ނެގުމާއި ބެހުމުގެ ބައެއް މަސައްކަތްތައް ލޯކަލް ކައުންސިލްތަކާ ހަވާލުކުރެވިދާނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ. ކައުންސިލްތަކުގެ އިހުތިސާސް ހިނގާ ސަރަހައްދުތަކުގައި ޒަކާތު ހައުސްގެ ގަވާއިދުތައް ތަންފީޒުކުރުމުގައި ލާމަރުކަޒީ އުސޫލުން އެހީތެރިކަން ފޯރުކޮށްދޭންޖެހޭނެއެވެ.

ގާނޫނު ތަސްދީގުކުރެވުމާއެކު، މާލިއްޔަތު ގާނޫނުގެ ދަށުން އިސްލާމިކް މިނިސްޓްރީން ބަލަހައްޓަމުން އައި ޒަކާތު ފަންޑު، ޒަކާތު ހައުސްގެ ދަށަށް ބަދަލުވާނެއެވެ. އަދި ޒަކާތު ފަންޑުގައި ހުރި ފައިސާ އިންވެސްޓުކުރުމުގެ އިހުތިޔާރު ވެސް މޯލްޑިވްސް ޒަކާތު ހައުސްއަށް ލިބިގެންދާނެއެވެ. މި ބިލު ދިރާސާކުރާނީ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.