އަމާޒަކީ ރައްޔިތުންގެ އަޑު އަހައިގެން ތަރައްޤީ ގެނައުން: ރައީސް

އަމާޒަކީ ރައްޔިތުންގެ އަޑު އަހައިގެން ތަރައްޤީ ގެނައުން: ރައީސް

Author
ހުސައިން
12 އޮގަސްޓް 2025 11:16
0

ރައްޔިތުންނާ ސީދާ ބައްދަލުކޮށް، އެމީހުންގެ ޝުޢޫރުތަކާއި ބޭނުންތައް އަޑުއަހައި، ރައްޔިތުން އެދޭގޮތަށް ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަކީ ސަރުކާރުގެ މައިގަނޑު އަމާޒުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބ. އަތޮޅަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ފުޅަދޫ ރައްޔިތުންނާ ބައްދަލުކުރެއްވި ޚާއްޞަ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މި ދަތުރުގެ ބޭނުމަކީ ކޮންމެ ރަށެއްގެ ރައްޔިތުންނާ ގާތުން ބައްދަލުކޮށް، އެރަށަކަށް ބޭނުންވާ ކަންކަން ދެނެގަނެ، ރައްޔިތުން އެދޭގޮތަށް މަޝްރޫޢުތައް ރޭވުމާއި ތަންފީޒުކުރުން ކަމަށެވެ.

ފުޅަދޫގެ ތަރައްޤީއަށް ރޭވިފައިވާ މަޝްރޫޢުތައް ބާރު ސްޕީޑުގައި ކުރިއަށްދާކަން ފާހަގަކުރައްވަމުން، ރައީސް ވަނީ އެރަށަށް ހިންގާ މުހިންމު މަޝްރޫޢުތަކުގެ ތަފްޞީލު ރައްޔިތުންނާ ޙިއްސާކުރައްވާފައެވެ. އޭގެތެރޭގައި ފެނާއި ނަރުދަމާގެ މައްސަލަ ޙައްލުކުރުމުގެ އަމަލީ މަސައްކަތް މި މަހު ފެށުމާއި، ސަރުކާރު މުވައްޒަފުންނަށް އެކޮމޮޑޭޝަން ބްލޮކެއް އިމާރާތްކުރުމާއި، ހެލްތު ސެންޓަރުގައި ލެބޯޓްރީއެއް ޤާއިމުކުރުން ހިމެނެއެވެ.

ކުޅިވަރުގެ ދާއިރާއަށް ޚާއްޞަ ސަމާލުކަމެއް ދެއްވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއްގެ މަސައްކަތް މި އަހަރު ފެށުމާއި، އަންނަ އަހަރުގެ ބަޖެޓުގައި ވޮލީ ކޯޓެއް ހިމަނައި، ފުޓްސަލް ދަނޑެއް އެޅުމުގެ މަޝްރޫޢު ކުރިއަށް ގެންދާނެކަމަށެވެ. މީގެއިތުރުން އައު މިސްކިތެއް ބިނާކުރުމާއި، ފުޅަދޫ ކައިރީގައި އޮންނަ އިންނަފުށި މި އަހަރު ކައުންސިލާ ޙަވާލުކުރުމަށްވެސް ނިންމަވާފައިވާކަން ރައީސް ހާމަކުރެއްވިއެވެ.

އާބާދީގެ ނިސްބަތުން ތެލަސީމިއާ ބަލިމީހުން ގިނަ ރަށެއްކަމަށްވާ ފުޅަދޫގައި، ލެބޯޓްރީއާއި އިތުރު ޞިއްޙީ ޚިދުމަތްތައް ޤާއިމުކުރުމުން އެފަރާތްތަކަށް ފަރުވާ ހޯދުމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. 416 މީހުންގެ އާބާދީ ހިމެނޭ ފުޅަދޫގައި މިހާރު ދިރިއުޅެމުންދަނީ ދުއިސައްތައެއްހާ މީހުންނެވެ.

ތަޢުލީމީ ދާއިރާއަށްވެސް ޚާއްޞަ ސަމާލުކަމެއް ދެއްވާނެކަމަށް ރައީސް ވިދާޅުވެ، ކޮންމެ ރަށެއްގައިވެސް ހިންގާ ތަރައްޤީގެ މަޝްރޫޢުތައް ފުޅަދޫގައިވެސް ހިންގާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

ރައީސްގެ މި ހަތަރު ދުވަހުގެ ދަތުރުފުޅުގައި ބ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން، ރައްޔިތުންނާ ބައްދަލުކުރައްވައި، އެކި މަޝްރޫޢުތައް އިފްތިތާޙުކުރެއްވުމާއި އައު މަޝްރޫޢުތައް ފެއްޓެވުމަށް ހަމަޖެހިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.