ދެން އީޕީއޭ ހިނގާނީ ސީދާ މިނިސްޓްރީގެ ދަށުން

ދެން އީޕީއޭ ހިނގާނީ ސީދާ މިނިސްޓްރީގެ ދަށުން

Author
ހުސައިން
12 އޮގަސްޓް 2025 03:15
0

އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އުވާލުމާ ބެހޭގޮތުން މިއަދު ފެތުރުނު ވާހަކަތަކަށް ރައްދުދެއްވައި އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ އެ އިދާރާ އުވާލަނީ ނޫން ކަމަށާއި، ނަން ބަދަލުކޮށް އިދާރީ ހިންގުމަށް ބަދަލުތަކެއް ގެންނަވާފައިވާ ކަމަށެވެ. އެހެންނަމަވެސް އޭގެ ފަހުން ރައީސް އޮފީހުން ސާފުކޮށްދެއްވި ގޮތުގައި، ގަވަނިން ބޯޑެއްގެ ލަފާގެ ދަށުން ހިންގި މިނިވަން އިދާރާއެއްގެ ގޮތުގައި އޮތް އީޕީއޭ، ސީދާ އެންވަޔަރަމަންޓް މިނިސްޓްރީގެ ދަށުން ހިންގޭ އިދާރާއަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބަދަލުކުރައްވާފައިވެއެވެ.

މި ބަދަލާއެކު އީޕީއޭގެ ނަން "އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ" އަށް ބަދަލުވެފައިވާއިރު، ރައީސް އޮފީހުން ބުނި ގޮތުގައި މި ބަދަލު ގެނެވުނީ އެ އިދާރާއިން ކުރާ ތިމާވެށި ރެގިއުލޭޓުކުރުމުގެ މަސައްކަތްތަކާ ގުޅޭ ނަމެއް ކަނޑައެޅުމާއި، މަސައްކަތްތައް ހަރުދަނާކޮށް ހަލުވިކުރުމުގެ ބޭނުމުގައެވެ.

ސަރުކާރުން މިއަދު ގެޒެޓުކުރި އިއުލާނުގައި ފާހަގަކުރެވޭ މުހިންމު ބަދަލުތަކުގެ ތެރޭގައި، ތަރައްގީގެ މަޝްރޫއުތަކުގެ އީއައިއޭ ހޯދުމަށް އެދޭ ފަރާތްތަކުން މިނިސްޓްރީއަށް ނުވަތަ މިނިސްޓަރު ކަނޑައަޅާ ފަރާތަކަށް ހުށަހެޅުމާއި، ސަރުކާރުން ޚާއްސަ އިސްކަމެއްދޭ މަޝްރޫއުތަކުގެ އީއައިއޭ ޕްރޮސެސް އަވަސްކުރުން ހިމެނެއެވެ. މިގޮތުން ކެބިނެޓުން ކަނޑައަޅާ ޚާއްސަ މަޝްރޫއުތަކުގެ އީއައިއޭ މަރުހަލާތައް ލަސްކަމެއް ނެތި ނިންމަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

މި އިސްލާހުތަކާ ގުޅިގެން އީޕީއޭގެ ބާރުތައް ހަނިވެ، މިނިސްޓްރީގެ ބާރުތައް ފުޅާވެފައިވާ ކަމަށް ފެނެއެވެ. ކުރިން އީޕީއޭއަށް ސީދާ ލިބިފައިވާ އީއައިއޭ ހެދުމުގެ ބާރު މިހާރު ވަނީ މިނިސްޓްރީއާ ހިއްސާކުރަންޖެހޭ ގޮތަށް ބަދަލުވެފައެވެ.

އީޕީއޭގެ މިނިވަންކަމާ ބެހޭގޮތުން ދިގު މުއްދަތެއް ވަންދެން ބަހުސްކުރެވެމުން އައިސްފައިވާއިރު، ރައީސް އިބްރާހީމް މުހައްމަދު ޞާލިޙުގެ ވެރިކަމުގައި ވެސް މި އިދާރާ މިނިވަންކުރާނެ ކަމަށް ވިދާޅުވި ނަމަވެސް އެ ދައުރު ނިމުނުއިރު އެކަން ނުވެއެވެ. މި ސަރުކާރުގެ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވެސް ކުރިން ވަނީ އީޕީއޭއަށް ބޭނުންވާ މިނިވަންކަމާއި ބާރުވެރިކަން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވެފައެވެ.

އީޕީއޭގެ މަސައްކަތްތަކާ ގުޅޭ އެކި މައްސަލަތައް ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމަންޓް ކޮމިޓީން ބަލާފައިވާއިރު، ތިމާވެއްޓަށް ގެއްލުން ދިނުމުގެ މައްސަލަތަކުގައި ކޮށްފައިވާ ބޮޑެތި ޖޫރިމަނާތަކުގެ ފައިސާ ދައުލަތަށް ނުލިބޭ މައްސަލަ ފާހަގަކުރެވިފައިވެއެވެ. އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް މީގެ ކުރިން ވިދާޅުވި ގޮތުގައި، ޖޫރިމަނާގެ ފައިސާ ހޯދުމުގައި އީޕީއޭއަށް ބޭނުންވާ ބާރުތަކާއި ވަސީލަތްތައް ލިބިފައި ނުވާތީ މި މައްސަލަ ދިގުލައިގެން ގޮސްފައިވާ ކަމަށާއި، އީޕީއޭ ބާރުވެރިކޮށްގެން މެނުވީ މިކަމަށް ހައްލެއް ނުލިބޭނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.