ޣައްޒާ ސިޓީގައި އިސްރާއީލުގެ ސިފައިން ދިން ވައިގެ ހަމަލާއެއްގައި ޝަހީދު ކޮށްލި އަލްޖަޒީރާގެ ފަސް ނޫސްވެރިންނާއި ފްރީލާންސް ނޫސްވެރިއެއްގެ ޖަނާޒާ ފަލަސްތީނުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެގެން ހޯމަ ދުވަހު ބާއްވައިފިއެވެ.
އާދިއްތަ ދުވަހުގެ ރޭ އަލް-ޝިފާ ހޮސްޕިޓަލް ބޭރުގައި ހުރި ނޫސްވެރިންގެ ފޭލިގެއަށް ދިން މި ހަމަލާގައި އަލްޖަޒީރާގެ މަޝްހޫރު ނޫސްވެރިޔާ އަނަސް އަލް-ޝަރީފް، މުޙައްމަދު ޤުރައިޤިހް، އިބްރާހިމް ޒާހިރު، މުއުމިން އަލީވާ، މުޙައްމަދު ނޫފަލް އަދި ފްރީލާންސް ނޫސްވެރިޔާ މުޙައްމަދު އަލް-ޚާލިދީ ޝަހީދުވިއެވެ.
ޖަނާޒާގައި ބައިވެރިވި އެތައް ސަތޭކަ މީހުން، ޝަހީދުންގެ ހަށިގަނޑު އަލް-ޝިފާ ހޮސްޕިޓަލުން ޣައްޒާގެ މެދުގައިވާ ޝައިޚް ރަދުވާން ގަބުރުސްތާނަށް ގެންދިޔައިރު، ނޫސްވެރިންގެ އެކުވެރިންނާއި އާއިލާގެ މެންބަރުން ހިތާމައިގެ ތެރޭގައި އެކަކު އަނެކަކަށް ބައްދާ ކަންބޮޑުވުން ފާޅުކުރިއެވެ. ޖަނާޒާގައި ބައިވެރިވި މީހުން "އަޅުގަނޑުމެންގެ ފުރާނައާއި ލެއިން، އަނަސްއަށްޓަކައި ގުރުބާންވާނަން" މި ފަދަ ޝުއޫރުތައް ފާޅުކުރިކަން އަލްޖަޒީރާއިން ވެރިފައިކޮށްފައިވާ ފުޓޭޖްތަކުން ފެނިގެން ދިޔައެވެ.
އަލްޖަޒީރާ މީޑިއާ ނެޓްވޯކުން މި ހަމަލާ ވަރަށް ބޮޑަށް ކުށްވެރިކޮށް، އިސްރާއީލުގެ ސިފައިން ނޫސްވެރިންނަށް ގަސްތުގައި ހަމަލާދީފައިވާކަން ފާހަގަކޮށްފައިވެއެވެ. އަލްޖަޒީރާއިން ފާހަގަކުރި ގޮތުގައި އިސްރާއީލުގެ ސިފައިން އަނަސް އަލް-ޝަރީފް ޝަހީދުކުރިކަމަށް އިއުތިރާފުވެފައިވާއިރު، އޭނާއަކީ ހަމާސްގެ ސެލްއެއްގެ ލީޑަރެއް ކަމަށް ބުނެ އަސާސެއް ނެތް ދަޢުވާއެއް ކޮށްފައިވެއެވެ. އަލްޖަޒީރާއިން ބުނި ގޮތުގައި މި ހަމަލާއަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ދިން ބޮޑު ހަމަލާއެއް ކަމަށާއި، ޣައްޒާ ހިފުމުގެ ކުރިން އަޑުތައް ހިމޭންކުރުމަށް ކުރި ނާކާމިޔާބު މަސައްކަތެއް ކަމަށެވެ.
ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (CPJ) ގެ ރީޖަނަލް ޑިރެކްޓަރު ސާރާ ޤުދާހް މި މަރުތަކާ މެދު ހައިރާންކަން ފާޅުކުރައްވައި ވިދާޅުވީ، ނޫސްވެރިންނަކީ ހަނގުރާމަވެރިން ކަމަށް އިސްރާއީލުން ހެއްކެއް ނެތި ބުނާ ބުނުންތަކުން، ނޫސްވެރިކަމުގެ މިނިވަންކަމަށް އިސްރާއީލުން ދޭ އަހަންމިއްޔަތު ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ. މި މަރުތަކަށް ޒިންމާވާ ފަރާތްތައް ޖަވާބުދާރީ ކުރަން ޖެހޭނެ ކަމަށް ވެސް އޭނާ ގޮވާލެއްވިއެވެ.
ރިޕޯޓަރސް ވިތައުޓް ބޯޑަރސް (RSF) އިން ވެސް މި ހަމަލާ ބޮޑަށް ކުށްވެރިކޮށް، އަނަސް އަލް-ޝަރީފަކީ ޣައްޒާގެ އެންމެ މަޝްހޫރު ނޫސްވެރިންގެ ތެރެއިން އެކަކު ކަމަށާއި، ޣައްޒާގައި ފަލަސްތީނުގެ ރައްޔިތުންނަށް އިސްރާއީލުން ދެމުންދާ ވޭނުގެ އަޑު ކަމަށް ސިފަކޮށްފައިވެއެވެ. މި ޖަމާޢަތުން ފާހަގަކުރި ގޮތުގައި މި ހަމަލާއަކީ 2023 ވަނަ އަހަރު އަލްޖަޒީރާގެ ނޫސްވެރިޔާ އިސްމާޢީލް އަލް-ޣޫލް ޝަހީދުކޮށްލި ހަމަލާއާ އެއްގޮތް ހަމަލާއެއް ކަމަށާއި، އިސްމާޢީލް އަލް-ޣޫލް ވެސް އިސްރާއީލުން ޓެރަރިސްޓެއް ކަމަށް ސިފަކޮށްފައިވާ ކަމަށެވެ.
އާރު އެސް އެފް އިން އދ. ގެ ސަލާމަތީ މަޖިލީހަށް ގޮވާލައި، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ފަރާތުން ވަރުގަދަ ފިޔަވަޅެއް ނޭޅިއްޖެނަމަ، މިފަދަ ގާނޫނާ ޚިލާފު އިތުރު މަރުތައް ނޫސްވެރިންނަށް ދިމާވާނެ ކަމަށް އިންޒާރު ދީފައިވެއެވެ. މި ހަމަލާގައި އިތުރު ތިން ނޫސްވެރިއަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓަރސް ވިތައުޓް ބޯޑަރސްއިން ބުނެފައިވެއެވެ.
އަނަސް އަލް-ޝަރީފް ޝަހީދުކޮށްލާފައިވަނީ، މީގެ އެއް އަހަރު ކުރިން އިސްރާއީލުން އޭނާގެ އާއިލީ ގެއަށް ހަމަލާދީ، އޭނާގެ 65 އަހަރުގެ ބައްޕަ ޝަހީދުކޮށްލުމަށްފަހުގައެވެ. މި ނޫސްވެރިން ޝަހީދުކޮށްލާފައިވަނީ، އިސްރާއީލުގެ ސަލާމަތީ ކެބިނެޓުން ޣައްޒާ ހިފުމަށް ނިންމިތާ ދުވަސްކޮޅެއް ފަހުން ކަން ފާހަގަކުރެވެއެވެ.
ކޮމެންޓު ފޮނުވާ