ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ވައިސް ޗެއަރމަންގެ މަގާމަށް އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާން މިއަދު އައްޔަންކޮށްފިއެވެ. އޭނާ މިމަގާމަށް އައްޔަންކުރީ ކުރީ ކްލަބުގެ އެގްޒެކެޓިވް ކޮމިޓީން ފާސްކޮށްގެން ކަމަށް ކްލަބުގެ ޗެއަރމަން އަހުމަދު މުބީން ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައި ވެއެވެ.
ކްލަބުގެ އަސާސީ ގަވާއިދުގައި އެގްޒެކެޓިވް ކޮމިޓީއަށް ވައިސް ޗެއަރމަން އައްޔަންކުރުމުގެ ބާރު ލިބިދީފައިވާ ކަމަށް މުބީން ފާހަގަކުރައްވާފައިއެވެ. މީގެ ކުރިން ނިއު ރޭޑިއަންޓްގެ ވައިސް ޗެއަރމަނުންގެ ގޮތުގައި ތިއްބެވީ އެފްއޭއެމްގެ ނައިބު ރައީސް މުޖުތަބާ ޖަލީލު އާއި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކައްޕި) އެވެ. ކައްޕި އަކީ އެފްއޭއެމްގެ ސީނިއާ ނައިބު ރައީސް ވެސްމެއެވެ.
އެފްއޭއެމްގެ ރައީސް އަހްމަދު ތޯރިގްއާ ބައްދަލުކުރެއްވުމަށްފަހު މުބީން ވިދާޅުވީ، މުޖުތަބާ އާއި ކައްޕި އެފްއޭއެމްގެ މަސައްކަތްތަކުގައި މިވަގުތު ވަރަށް މަސްރޫފުވެވަޑައިގަންނަވާ ކަމަށާއި، އެހެންކަމުން ނިއު ރޭޑިއަންޓްގެ މަސައްކަތުގައި އެ ދެބޭފުޅުންނަށް ބައިވެރިވެވޭ މިންވަރު ކުޑަވެފައިވާ ކަމަށެވެ.
ދާދިފަހުން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާދެއްވި މުބީން މިހާރު ފުލްޓައިމްކޮށް މަސައްކަތް ކުރައްވަނީ ކްލަބުގެ ކަންކަމަށް ކަމަށް ވިދާޅުވިއެވެ. އަދި ކްލަބުގެ މަސައްކަތްތަކުގައި އެހީތެރިވެދެއްވާނެ އިތުރު ނައިބު ރައީސަކު ގެނައުމަށް ވިސްނަވާ ކަމަށް ވެސް މުބީން ފާހަގަކުރެއްވިއެވެ.
މުބީން އަކީ މި މަހު އެފްއޭއެމުން އެކުލަވާލި ގޯލްޑަން ޖުބްލީ ކޮމިޓީގެ ނައިބު ރައީސްގެ މަގާމު ވެސް އަދާކުރައްވާ ބޭފުޅެކެވެ. ނިއު ރޭޑިއަންޓަކީ ދިވެހި ފުޓްބޯޅައިގެ ތާރީޚުގައި އެންމެ ކާމިޔާބު ކްލަބުތަކުގެ ތެރޭގައި ހިމެނޭ ކްލަބެއް ނަމަވެސް، މިވަގުތު އެ ޓީމު ކުޅެމުންދަނީ ދެވަނަ ޑިވިޝަނުގައެވެ. ފާއިތުވި ދެ އަހަރު އެއްވަނަ ޑިވިޝަނަށް އަރަން ކުރި މަސައްކަތް ކާމިޔާބު ނުވެ، ކްލަބުން އަލުން އެއްވަނަ ޑިވިޝަނަށް އެރުމަށް މަސައްކަތް ކުރަމުންދެއެވެ.
ކޮމެންޓު ފޮނުވާ