ނ. މަނަދޫގެ ބަނދަރުމަތީގައި ކުވެއިތުގެ ވިޔަފާރިވެރިޔާ ޚަލީފާ ތަލާލް އަލް ޖެރީ ބިނާކޮށްދެއްވި 114 މީހުންގެ ޖާގައިގެ މިސްކިތެއް އިއްޔެ ރަސްމީކޮށް ހުޅުވިފައިވެ އެވެ. މި މިސްކިތް ހުޅުއްވައިދެއްވީ އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އަލް ޖެރީ އަމިއްލައަށެވެ.
މަނަދޫ ކައުންސިލްގެ މެމްބަރު މުއުމިނާ ސޯލިހް ވިދާޅުވި ގޮތުގައި، ކޮންމެ ދުވަހަކު ވެސް ގިނަ ބަޔަކު އަރައިފައިބާ ރަށަކަށްވާ މަނަދޫގެ ބަނދަރާ ކައިރީގައި މިސްކިތެއް ހުރުމަކީ ރައްޔިތުން ދިގު ދުވަސްތަކެއް ވަންދެން އެދެމުން އައި ކަމެކެވެ.
މި މިސްކިތް ބިނާކުރުމުގެ ފުރުސަތު ލިބުނީ 2023 ވަނަ އަހަރު ނ. އަތޮޅު މަދަރުސާގެ އިނާމު ދިނުމުގެ ޖަލްސާގައި އޭރުގެ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދުއާ މުއުމިނާ ބައްދަލުކުރުމުންނެވެ. އެ ބައްދަލުވުމުގައި ޑރ. ރަޝީދު ހިންގަވާ ތަލާލް އަލް ޖެރީ ހިއުމެނިޓޭރިއަން ފައުންޑޭޝަނުން ކޮމިއުނިޓީގެ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދޭ ވާހަކަ ހިއްސާކުރެއްވުމުން، މަނަދޫ ކައުންސިލުން މިސްކިތް ބިނާކުރުމަށް އެދި ހުށަހެޅުމެވެ.
ފައުންޑޭޝަނުން މި ހުށަހެޅުން ގަބޫލުކޮށް، މިދިޔަ އަހަރު މިސްކިތް ބިނާކުރުމުގެ މަސައްކަތް ފެށިފައިވާ އިރު، އެ މަސައްކަތް ކުރީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުންނެވެ.
މިސްކިތް ހުޅުވުމަށްފަހު މަނަދޫ ރައްޔިތުން ވަނީ އަލް ޖެރީއަށް ހާއްސަ ޖާފަތެއް ބާއްވައި، ރަށުގެ ރައްޔިތުންނަށްޓަކައި މިފަދަ މުހިންމު ޚިދުމަތެއް ކޮށްދިނީތީ ޝުކުރު އަދާކޮށްފައެވެ.
ކޮމެންޓު ފޮނުވާ