މާލޭ ސިޓީ ކައުންސިލުން ކާނިވާ ސްޓޭޖުގެ ހަލާކުވެފައިވާ ފުރާޅުގެ ބައިތައް ނަގައި ސާފުކުރުމުގެ މަސައްކަތް ފަށާއިފިއެވެ. ސިޓީ ކައުންސިލުން ބުނެފައިވަނީ މިއީ ރައްޔިތުންނަށް ދިމާވެދާނެ ނުރައްކަލަކުން ރައްކާތެރިކުރުމުގެ ގޮތުން ކުރާންޖެހިފައިވާ މަސައްކަތެއް ކަމުގައެވެ.
ސިޓީ ކައުންސިލުން ހާމަކުރި ފޮޓޯތަކުން ދައްކާ ގޮތުގައި، ސްޓޭޖުގެ ފުރާޅުގެ ބޮޑު ބައެއް މިހާރު ނަގާފައިވާ ކަމާއި، ކައުންސިލުގެ މުވައްޒަފުން އެ ސަރަހައްދު ސާފުކުރަމުންދާ ކަން ފާހަގަކުރެވެއެވެ. ވައިގަދަ ދުވަސްތަކުގައި މި ފުރާޅު އެއްލާލުމުގެ ހާދިސާތައް ދިމާވާތީ، ނުރައްކާތެރި ޙާލަތަކުން ސަލާމަތްވުމަށް މި ފިޔަވަޅު އަޅަންޖެހިފައިވާ ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.
އެހެންނަމަވެސް، ކާނިވާ ސަރަހައްދުގައި އައު ސްޓޭޖެއް އެޅުމުގެ މަސައްކަތް ކުރިއަށް ނުދާ ކަން ފާހަގަކުރެވެއެވެ. މިހާރު ހުރި ސްޓޭޖު ތަޅާލައި، އައު ސްޓޭޖެއް ތަރައްޤީކުރުމުގެ މަސައްކަތް މާޗު 14 ގައި ސިޓީ ކައުންސިލުން ޔޫ.އެޗް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާއިރު، މި މަސައްކަތް ނިންމަން ދީފައިވާ މުއްދަތަކީ ޖުލައި 31 ގެ ނިޔަލަށެވެ.
މި ޕްރޮޖެކްޓަށް ޚަރަދުވާނެ ކަމަށް އަންދާޒާކޮށްފައިވަނީ ޖީއެސްޓީއާއެކު 4.8 މިލިއަން ރުފިޔާއެވެ. މަސައްކަތް ކުރުމަށް ދީފައިވާ 140 ދުވަހުގެ މުއްދަތުގެ ތެރެއިން ބައެއް ދުވަސްތައް ފާއިތުވެފައިވީ ނަމަވެސް، އަދިވެސް އައު ސްޓޭޖުގެ މަސައްކަތް ފެށިފައިނުވާ ކަން ފާހަގަކުރެވެއެވެ.
ކާނިވާ ސްޓޭޖަކީ މާލޭގައި ބާއްވާ އެކިއެކި ޙަރަކާތްތަކަށް ބޭނުންކުރާ މުހިންމު ތަނެއް ކަމުން، މި ސްޓޭޖު އަލުން ބިނާކުރުމުގެ މަސައްކަތް އަވަހަށް ފެށުމަކީ ރައްޔިތުންގެ އެދުމެކެވެ.
ކޮމެންޓު ފޮނުވާ