ހުސް ކޮންޓެއިނަރުތައް ތިލަފުއްޓަށް ގެންދިޔުމަށް އަންނަ މަހު ފަށާނެ

ހުސް ކޮންޓެއިނަރުތައް ތިލަފުއްޓަށް ގެންދިޔުމަށް އަންނަ މަހު ފަށާނެ

Author
ހުސައިން
08 އޮގަސްޓް 2025 10:22
0

މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލޭ ޕޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި، ބޯޓުތަކުން ހުސްކުރާ ކޮންޓެއިނަރުތައް ތިލަފުއްޓަށް ގެންދިޔުމުގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ފެށޭނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފައިވެއެވެ.

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާން، މަސްވެރިންނާ ބައްދަލުކުރެއްވި ބައްދަލުވުމެއްގައި ވިދާޅުވީ، ތިލަފުށީގައި ހުސް ކޮންޓެއިނަރުތައް ބެހެއްޓުމަށް ތައްޔާރުކުރާ ސަރަހައްދުގެ މަސައްކަތް ވަރަށް އަވަސް ދުވެލީގައި ކުރިއަށްދާ ކަމަށާއި، އަންނަ މަހުގެ ނިޔަލަށް އެ ސަރަހައްދު ބޭނުން ކުރަން ފެށޭނެ ކަމަށެވެ.

މިހާރު ރާއްޖެއަށް އެތެރެކުރާ މުދަލުގެ ހުސް ކޮންޓެއިނަރުތައް ބަހައްޓަނީ މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލޭ އެމްޕީއެލް ޕޯޓުގައި ކަމަށާއި، މިކަމުގެ ސަބަބުން ދެ ޕޯޓުގައިވެސް ޖާގައިގެ ބޮޑު ދަތިކަމެއް ދިމާވެފައިވާ ކަމަށް އެމްޕީއެލްއިން ބުނެއެވެ. ހުސް ކޮންޓެއިނަރުތައް ބެހެއްޓުމަށް ބޮޑު ޖާގައެއް ބޭނުންވާތީ، ޕޯޓުގެ އެހެނިހެން ޚިދުމަތްތަކަށް ނޭދެވޭ އަސަރު ކޮށްފައިވާ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

ތިލަފުށީގައި ކޮންޓެއިނަރު ބާލާ މެނޭޖުކުރުމަށް ބޭނުންވާ މަގަތު ފާލަމުގެ މަސައްކަތް ކުރިއަށް ގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ. އަދި ކޮންޓެއިނަރު ބަހައްޓާ ސަރަހައްދު ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދަނީ އެމްޕީއެލްގެ މުވައްޒަފުން ކަމަށް އެ ކުންފުނިން ބުނެއެވެ.

ރިޝްވާން ވިދާޅުވިގޮތުގައި، ހުސް ކޮންޓެއިނަރުތައް ތިލަފުއްޓަށް ގެންދިޔުމުން މާލޭ ޕޯޓުގައި މިހާރު ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ބޮޑު ލުޔެއް ލިބޭނެއެވެ. "ހުސް ކޮންޓެއިނަރުތަކުގެ ސަބަބުން ޕޯޓުގެ ވަރަށް ބޮޑު ޖާގައެއް މިހާރު ގެއްލިފައިވޭ. އެހެންކަމުން މި މަސައްކަތް އަވަހަށް ނިންމައި، އަންނަ މަހުގެ ނިޔަލަށް ކޮންޓެއިނަރުތައް ތިލަފުއްޓަށް ގެންދަން ފެށޭނެ،" އޭނާ ވިދާޅުވިއެވެ.

މި ޕްރޮޖެކްޓަކީ މާލޭގެ މައި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ބޮޑު މަޝްރޫޢުގެ މުހިންމު ބައެއް ކަމަށް އެމްޕީއެލްއިން ބުނެއެވެ. އަދި މުޅި ޕްރޮޖެކްޓް އަންނަ އަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ރިޝްވާން ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.