ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ހިޔާ ފްލެޓުގެ އެޕާޓްމެންޓެއް ފުލުހުން ބަލާ ފާސްކުރުމުގެ ތެރޭގައި 242 ވޭޕް ފްލޭވާ ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ މައުލޫމާތުގައިވާ ގޮތުން ރޭ 21:14 ގައި ލިބުނު ރިޕޯޓަކާ ގުޅިގެން އެ އެޕާޓްމެންޓް ބަލާ ފާސްކުރިއިރު، މި ގިނަ އަދަދުގެ ވޭޕް ފުޅިތައް ފެނިފައިވާ ކަމަށެވެ. މިހާރު އެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، މައްސަލަ އިތުރަށް ތަހުގީގުކުރަމުން ގެންދާ ކަމަށް ފުލުހުން ހާމަކުރެއެވެ.
ވޭޕް ބޭނުންކުރުމާއި ވިއްކުމާ ގުޅޭ ގޮތުން ފުލުހުން ހަރުދަނާ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ފާހަގަކުރެވެއެވެ. ފާއިތުވި ޖުލައި މަހުގެ ނިޔަލަށް ވޭޕް ބޭނުންކުރުމާއި، ވިއްކުމާއި، ގެންގުޅުމުގެ 15 މައްސަލައެއްގައި ޖުމުލަ 127،000 ރުފިޔާގެ ޖޫރިމަނާ ކޮށްފައިވެއެވެ. މީގެ ތެރެއިން ވޭޕް ބޭނުންކުރުމަށް 62،000 ރުފިޔާ، ވިޔަފާރި ކުރުމަށް 7،000 ރުފިޔާ އަދި ގެންގުޅުމަށް 58،000 ރުފިޔާގެ ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ދުންފަތް ކޮންޓްރޯލްކުރުމުގެ ގާނޫނަށް އިސްލާހު ގެނެސް، ފާއިތުވި އަހަރުގެ ނޮވެމްބަރު 15 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކޮށްފައިވެއެވެ. ޑިސެމްބަރު 15 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި، ވިޔަފާރިކުރުމާއި، ހިލޭ ބެހުން ވެސް މަނާކޮށްފައިވާއިރު، މި ގާނޫނާ ޚިލާފުވާ ފަރާތްތަކާ މެދު ފުލުހުން ފިޔަވަޅު އަޅަމުން ގެންދެއެވެ.
ކޮމެންޓު ފޮނުވާ