ހައްޖު ކޯޕަރޭޝަނުން ޓޫރިޒަމް ވިޔަފާރިއަށް ވަދެ މާފުށީގައި ހޮޓަލެއް ހިންގުމުގެ ނިންމުމާ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކަނޑައެޅިގެން ދެކޮޅު ހައްދަވައިފިއެވެ. މިނިސްޓަރުގެ ވާހަކަފުޅުގައި، ހައްޖު ކޯޕަރޭޝަނުން މިފަދަ ރިސްކު ބޮޑު ވިޔަފާރިތަކަށް ވަނުމަކީ އޭނާ ތާއީދު ކުރައްވާ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.
ރާއްޖެއިން ހައްޖަށް މީހުން ފޮނުވުމަށް އުފައްދާފައިވާ ސަރުކާރު ކުންފުނިން ހަލާލު ޓޫރިޒަމަށް ވަކި ކުންފުންޏެއް އުފައްދައި، މާފުށީގައި ހޮޓަލެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކުރުމާ ގުޅިގެން މިނިސްޓަރު ޝަހީމް ވިދާޅުވީ، މި ކަމުގައި ކޯޕަރޭޝަނުން އިސްލާމިކް މިނިސްޓްރީއާ އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށެވެ.
"އަޅުގަނޑާ ސަރުކާރުން ހައްޖު ކޯޕަރޭޝަން ހަވާލުކޮށްފައި އޮތް ނަމަވެސް، މި ކަމާ ގުޅޭ އެއްވެސް މަޝްވަރާއެއް އަޅުގަނޑާ ކޮށްފައެއް ނުވޭ. މި ކަމުގެ ފީސިބިލިޓީއެއް އަޅުގަނޑު ނުދެކެން،" މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.
ހައްޖު ކޯޕަރޭޝަނުން އިއްޔެ ބުނި ގޮތުގައި، މާފުށީގައި ހޮޓަލް އަޅާނީ "މާފުށީ އިސްލާމިކް ޓޫރިޒަމް ޕްރައިވެޓް ލިމިޓެޑް" ގެ ޕްރޮޖެކްޓެއްގެ ގޮތުގައެވެ. މި ކުންފުންޏަކީ ހައްޖު ކޯޕަރޭޝަންގެ ސަބްސިޑަރީ ކުންފުންޏެކެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ރަޖިސްޓަރީ ކުރި މި ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ ހައްޖު ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝިހާބެވެ.
ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވި ގޮތުގައި، ކޮންމެ ހައްޖުވެރިއަކަށް ލައްކައެއްހާ ރުފިޔާ ހަރަދުވާއިރު، އާއްމުންގެ އަތުން ނަގަނީ 69،000 ރުފިޔާ ކަމަށާއި، ބާކީ ހުރިހާ ކަމަކަށް ކުންފުނީގެ ބަޖެޓުން އިތުރަށް 30 މިލިއަން ރުފިޔާ ހަރަދުކުރަން ޖެހޭ ކަމަށެވެ. މިހެންވުމުން ފައިދާވާ ކުންފުންޏަކަށް ހެދުމަށްޓަކައި އިތުރު ވިޔަފާރިތަކަށް ވަދެވޭ ގޮތްތައް ހޯދަމުންދާ ކަމަށް އޭނާ ބުންޏެވެ.
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވެސް ވަނީ، ދިވެހިން ހައްޖަށް ފޮނުވުމަށް އުފައްދާފައިވާ ކުންފުނިން ގެސްޓް ހައުސް ހިންގުން ފަދަ ވިޔަފާރިތަކަށް ވަނުމުގެ ނަތީޖާ ރަނގަޅު ނުވާނެ ކަމަށް ވިދާޅުވެފައެވެ.
ހައްޖުގެ ކަންކަމަށް ހާއްސަ ކުންފުންޏެއް އުފެއްދީ 12 އަހަރު ކުރިން އިސްލާމިކް މިނިސްޓަރަކަށް ޝަހީމް ހުންނެވި ދުވަސްވަރުގައެވެ. އެއީ ހައްޖަށް ގެންދާނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށް ފަހު ލަނޑުދިން މައްސަލަތަކެއް ފެންމަތިވުމުންނެވެ.
ހައްޖު ކޯޕަރޭޝަނުން ފައިދާވާ ކުންފުންޏަކަށް ހެދުމަށްޓަކައި އާއްމުންނަށް ގަނެވޭ ގޮތަށް ހައުސިން މަޝްރޫއެއް ފެށުމަށް ވެސް ވަނީ ނިންމާފައެވެ. މި އިމާރާތުގެ ޑިޒައިންގެ މަސައްކަތްތައް ކުރުމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ސަރުކާރުގެ އެފްޑީސީއާ ވަނީ ހަވާލުކޮށްފައެވެ.
ކޮމެންޓު ފޮނުވާ