ބްލޫ އިކޮނޮމީ ކުރިއެރުވުމަށް 'ޖޭއެފްއެފް' ފެސިލިޓީ ރާއްޖޭގައި އިފްތިތާހު ކޮށްފި

ބްލޫ އިކޮނޮމީ ކުރިއެރުވުމަށް 'ޖޭއެފްއެފް' ފެސިލިޓީ ރާއްޖޭގައި އިފްތިތާހު ކޮށްފި

Author
ހުސައިން
07 އޮގަސްޓް 2025 12:14
0

ދިވެހިރާއްޖޭގެ ބްލޫ އިކޮނޮމީ ކުރިއަރުވައި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްސަދުގައި 'ބްލޫ އިކޮނޮމީ ފައިނޭންސިން ފެސިލިޓީ' (ޖޭއެފްއެފް) ރާއްޖޭގައި ރަސްމީކޮށް ފަށައިފިއެވެ.

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އާއި އދ.ގެ ތަރައްޤީގެ ޕްރޮގްރާމް (ޔޫއެންޑީޕީ) ގުޅިގެން ތައާރަފުކުރި މި ޕްރޮގްރާމަކީ، އިނގިރޭސިވިލާތު ސަރުކާރުގެ މާލީ އެހީތެރިކަމާއެކު އެކުލަވާލެވިފައިވާ އާ ނިޒާމެކެވެ. މި ފެސިލިޓީގެ ޒަރީއާއިން ރާއްޖޭގެ އިޤްތިޞާދަށް ދިމާވެފައިވާ މާލީ ދަތިތަކަށް ލުޔެއް ހޯދައިދެވޭނެ ކަމަށް ސީއެމްޑީއޭއިން ބުނެއެވެ.

މި ޕްރޮގްރާމުގެ ދަށުން މަސްވެރިކަން، ފަތުރުވެރިކަން އަދި ކަނޑުގެ ވިޔަފާރިތަކާއި ޚިދުމަތްތަކުގެ ތެރެއިން ދެމެހެއްޓެނިވި ގޮތެއްގައި ހިންގާ، އިތުރު އަގެއް އުފައްދާ ވިޔަފާރިތަކަށް ފައިސާ ހޯދުމުގައި ދިމާވާ ދަތިތައް ހައްލުކުރެވޭނެއެވެ. ބޭންކުތަކާއި މާލީ ޚިދުމަތްދޭ އިދާރާތަކާއި ޕްރިންސިޕަލް އެޑްވައިޒަރުން މެދުވެރިކޮށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަންޑު ލިބޭނެ މަގު ތަނަވަސްވެގެންދާނެ ކަމަށް ސީއެމްޑީއޭއިން ފާހަގަކުރެއެވެ.

މި ފެސިލިޓީގެ ދަށުން، ވިޔަފާރިތަކުގެ ޚަރަދުތަކުގެ ތެރެއިން ވަކި މިންވަރެއް ކަށަވަރުކޮށްދިނުމުގެ އިތުރުން، ލުއި ޝަރުޠުތަކާއި ހެޔޮ އަގުތަކުގައި ފައިސާ ހޯދުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ. މިއީ ރާއްޖޭގައި ހަރުދަނާ މާލީ ނިޒާމެއް ޤާއިމުކުރުމަށާއި، ކެޕިޓަލް މާކެޓުގެ ދައުރު ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ސީއެމްޑީއޭއިން ވިދާޅުވެއެވެ.

ބޭންކިން ނިޒާމާއި ކެޕިޓަލް މާކެޓުން ލިބޭ ފުރުޞަތުތަކުގެ ބޭނުން ހިފައިގެން، ދެމެހެއްޓެނިވި އިންވެސްޓްމަންޓްތައް ކުރިއަރުވައި، ހުރިހާ ފަރާތްތަކަށް ފައިދާކުރަނިވި ބްލޫ އިޤްތިޞާދަކަށް ރާއްޖެ ބަދަލުކުރުމަށް މި ފެސިލިޓީ މެދުވެރިކޮށް މަގުފަހިވާނެ ކަމަށް އުންމީދުކުރާ ކަމަށް ސީއެމްޑީއޭއިން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.