ރަޝިޔާގެ ތެޔޮ ގަތުމުގެ އަދަބެއްގެ ގޮތުން އިންޑިއާގެ މުދަލަށް އެމެރިކާއިން %50 ޓެރިފް ނަގަން ނިންމައިފި

ރަޝިޔާގެ ތެޔޮ ގަތުމުގެ އަދަބެއްގެ ގޮތުން އިންޑިއާގެ މުދަލަށް އެމެރިކާއިން %50 ޓެރިފް ނަގަން ނިންމައިފި

Author
ހުސައިން
06 އޮގަސްޓް 2025 08:43
0

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޑިއާގެ މުދަލަށް ނަގާ ޓެރިފް ދެގުނަ ކޮށްފިއެވެ. މިގޮތުން އިންޑިއާއިން ރަޝިޔާގެ ތެޔޮ ގަންނާތީ އަދަބު ދިނުމުގެ ގޮތުން އިތުރު 25 ޕަސެންޓް ޓެރިފެއް ނެގުމަށް ރިޔާސީ އަމުރުގައި ސޮއިކުރެއްވި ކަމަށް ވައިޓް ހައުސްއިން ބުނެފައިވެ އެވެ.

މީގެ ކުރިން ޓްރަމްޕް ވަނީ އިންޑިއާގެ މުދަލަށް 25 ޕަސެންޓް ޓެރިފެއް ނެގުމަށް ނިންމަވާފަ އެވެ. އަލަށް ނިންމެވި 25 ޕަސެންޓް ޓެރިފާ އެކު، ޖުމްލަ 50 ޕަސެންޓް ޓެރިފެއް އިންޑިއާގެ މުދާ އެމެރިކާއަށް އެތެރެކުރާއިރު ދައްކަން ޖެހޭނެ އެވެ. ފުރަތަމަ 25 ޕަސެންޓް ޓެރިފަށް ބުރާސްފަތި ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެ އިރު، އަލަށް ކަނޑައެޅި ޓެރިފް ނަގަން ފަށާނީ ތިން ހަފްތާ ފަހުން ކަމަށް ވައިޓް ހައުސްއިން މައުލޫމާތު ދީފައިވެ އެވެ.

ޓްރަމްޕް ވިދާޅުވީ ރަޝިޔާ-ޔުކްރެއިން ހަނގުރާމައަށް އިންޑިއާއިން އެހީވާ ކަމަށާއި، އިންޑިއާއިން ރަޝިޔާގެ ތެޔޮ ގިނަ އަދަދަކަށް ގަނެ، ބޮޑު ފައިދާގައި ވިއްކަމުން ގެންދާ ކަމަށެވެ. އޭނާ ޓްރޫތު ސޯޝަލްގައި ލިޔުއްވި މެސެޖެއްގައި ޔުކްރެއިނުން ކިތަންމެ ބަޔަކު މަރުވިޔަސް އިންޑިއާއަށް ވަރިހަމަވެއްޖެ ކަމަށް ފާޑުކިޔުއްވާފައިވެ އެވެ.

ނަމަވެސް މި ޓެރިފްތަކުން ބައެއް ސެކްޓަރުތަކުގެ މުދާ އިސްތިސްނާކޮށްފައިވާ ކަމަށް ވައިޓް ހައުސްއިން ބުނެފައިވެ އެވެ. އިސްތިސްނާ ކުރެވިފައިވާ މުދަލުގެ ތެރޭގައި ސްޓީލް، އެލުމިނިއަމް އަދި ފާމަސިއުޓިކަލް ބާވަތްތައް ހިމެނެ އެވެ.

ރަޝިޔާއާ އެކު ވިޔަފާރި ކުރުމާ ގުޅިގެން ހުޅަނގުގެ ގައުމުތަކުން ކުރާ ފާޑުކިޔުންތަކަށް ރައްދު ދެމުން އިންޑިއާއިން ބުނަނީ، ރަޝިޔާ-ޔުކްރެއިން ހަނގުރާމަ ފެށުނު ފަހުން އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުން ވެސް ރަޝިޔާގެ މުދަލާއި ހަކަތައިގެ ބާވަތްތައް ގަންނަމުން ދާ ކަމަށެވެ. އިންޑިއާގެ ސަރުކާރުން ބުނާ ގޮތުގައި ހަކަތައިގެ ބާވަތްތައް ގަންނަނީ އިންޑިއާގެ ރައްޔިތުންނަށް އެކަށީގެންވާ އަގެއްގައި ފޯރުކޮށްދިނުމަށް ކަމަށާއި، އެންމެ އިސްކަމެއް ދެނީ ރައްޔިތުންގެ މަސްލަހަތަށް ކަމަށެވެ.

އެމެރިކާ ސަރުކާރުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2024 ވަނަ އަހަރު އެމެރިކާއިން އިންޑިއާގެ 87.4 ބިލިއަން ޑޮލަރުގެ މުދާ އެތެރެކޮށްފައިވެ އެވެ. މި އަދަދަށް ބަލާއިރު އިންޑިއާއަކީ އެމެރިކާއަށް މުދާ އެކްސްޕޯޓް ކުރާ ބޮޑެތި ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.