ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ރާއްޖޭގެ އުތުރުން މެދު ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ނެރެފައިވާ ހުދު ސަމާލު ހަތަރުވަނަ ފަހަރަށް ދަންމާލައިފިއެވެ. މި ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް އިރުއޮއްސި 19:45 އިން މެންދަމު 1:30 އަށެވެ.
މެޓުން ދޫކޮށްފައިވާ ސަމާލުގައި ބުނެފައިވަނީ މި ސަރަހައްދުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ވައިގެ ބާރުމިން ގަޑިއަކު 45 މޭލަށް އިތުރުވެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކުގައި ގުގުރުން ވެސް އިވޭނެ ކަމަށް މެޓުން ލަފާކޮށްފައިވެއެވެ. އަދި ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ވައިގެ ބާރުމިން ގަޑިއަކު 45 މޭލަށް ދާނެ ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ.
މޫސުން މިހެން ގޯސްވުމާ ގުޅިގެން ކަނޑުދަތުރުކުރާ ފަރާތްތަކުން ވަރަށް ބޮޑަށް ސަމާލުވުމަށް މެޓުން އިލްތިމާސްކޮށްފައިވެއެވެ. ޚާއްސަކޮށް ކުދި އުޅަނދުފަހަރުގައި ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވެ، ނުރައްކާތެރި ހާލަތްތަކުން ދުރުހެލިވުމަށް އެ އިދާރާއިން ވަނީ އިރުޝާދު ދީފައެވެ.
ކޮމެންޓު ފޮނުވާ