މޫސުން ގޯސްވާނެކަމަށް ލަފާކޮށް އުތުރާއި މެދު ރާއްޖެތެރެއަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވާނެކަމަށް ލަފާކޮށް އުތުރާއި މެދު ރާއްޖެތެރެއަށް ވައިޓް އެލާޓް ނެރެފި

Author
ހުސައިން
02 އޮގަސްޓް 2025 03:12
0

ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓު) އިން ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރޭގެ ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓެއް ނެރެފިއެވެ. މި އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ހިމެނޭ ސަރަހައްދުތަކަށެވެ.

މެޓުގެ މައުލޫމާތުގައި ބުނެފައިވާ ގޮތުން މިއަދު މެންދުރު 13:15 އިން ހަވީރު 18:00 އާ ދެމެދު މި އެލާޓް ދެމިއޮންނާނެއެވެ. މި ވަގުތުތަކުގައި އުތުރުގެ އަތޮޅުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާ ދީފައެވެ.

އުތުރުގެ ރަށްރަށުގައި ވިއްސާރަކުރުމާއެކު ގުގުރުމުގެ ފުރުސަތު އޮތް ކަމަށާއި، ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓުން ފާހަގަކޮށްފައިވެއެވެ. ހަމައެއާއެކު އެހެން ހިސާބުތަކަށް ކެރީގެ އަސަރު ފޯރުމުގެ ފުރުސަތު އޮތް ކަމަށްވެސް ވަނީ ބުނެފައެވެ.

ހުޅަނގާއި ހުޅަނގު އުތުރުން މެދު ރާއްޖެތެރޭގައި ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓުން ލަފާކޮށްފައިވާއިރު، ދެކުނުގެ އަތޮޅުތަކަށް އެއަށް ވުރެ މަޑު، ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. ނަމަވެސް ދެކުނުގައިވެސް ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ލަފާކޮށްފައިވެއެވެ.

މޫސުން ގޯސްވުމާ ގުޅިގެން އުތުރާއި މެދުރާއްޖެތެރޭ އަތޮޅުތަކުގެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓުން ވަނީ އިންޒާރު ދީފައެވެ. ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެ، ވިލާގަނޑުގައި ގަދަވާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.