ކުރީގެ ޤާޟީ ޖަމީލް މޫސާ އާއި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޝަހީދު ހައި ކޯޓުގެެ ފަނޑިޔާރުކަމަށް އައްޔަން ކުރަނީ

ކުރީގެ ޤާޟީ ޖަމީލް މޫސާ އާއި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޝަހީދު ހައި ކޯޓުގެެ ފަނޑިޔާރުކަމަށް އައްޔަން ކުރަނީ

Author
ހުސައިން
31 ޖުލައި 2025 06:39
0

ހައިކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުކަމުގެ މަޤާމަށް ސިވިލް ކޯޓުގެ ކުރީގެ ޤާޟީ އަބްދުﷲ ޖަމީލް މޫސާ އާއި ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝަހީދު އައްޔަންކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމާއިފިއެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމުގެ މި ދެ މަޤާމަށް ޖުމްލަ 17 ފަރާތަކުން ކުރިމަތިލާފައިވީ ނަމަވެސް، ޖޭއެސްސީގެ މެމްބަރު އަލީ އަބްދުއްލަތީފް ވަނީ ފަހުން އޭނާގެ ނަން އަނބުރާ ގެންގޮސްފައެވެ. އިއްޔެ ޖޭއެސްސީގައި ބޭއްވުނު ބައްދަލުވުމުގައި ކުރިމަތިލި ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، ރޭ ނިންމީ މި ދެ ބޭފުޅުން އައްޔަންކުރުމަށެވެ.

ލ.މާވަށް ނިސްބަތްވާ އަބްދުﷲ ޖަމީލް މޫސާއަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ޝަރީޢާ އެންޑް ލޯ ޑިގްރީ އޮނަރސްއާއެކު ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. ފަނޑިޔާރުކަމުގެ ދާއިރާގައި 15 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ލިބިފައިވާ ޖަމީލް، 2003 ސެޕްޓެންބަރުން 2009 ޖަނަވަރީއާ ދެމެދު ލ.ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓަކަށް ހުންނެވިއެވެ. އޭގެފަހުން 2009 ފެބްރުވަރީން 2019 ފެބްރުވަރީއާ ހަމައަށް ސިވިލް ކޯޓުގެ ޤާޟީއެއްގެ ގޮތުގައި ޚިދުމަތްކުރެއްވިއެވެ. ފަނޑިޔާރުކަމުން ވަކިވުމަށްފަހު ޤާނޫނީ ވަކީލެއްގެ ގޮތުގައި ކޯޓުތަކުގައި ވަކާލާތުކުރައްވަމުން ގެންދެވިއެވެ.

ޏ.ފުވައްމުލަކު ދޫޑިގަން ނިސްބަތްވާ މުހައްމަދު ޝަހީދަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ޝަރީޢާ އެންޑް ލޯ ޑިގްރީ އޮނަރސްއާއެކު ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ. 2018 ޖުލައިން 2023 ޑިސެންބަރާ ދެމެދު ހަނީ ވެލްޑްރޭޑިންގ ކޮމްޕެނީގެ ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރެއްވި ޝަހީދު، މިދިޔަ ސަރުކާރުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަޤާމު އަދާކުރެއްވިއެވެ.

ހައިކޯޓުގެ މި ދެ މަޤާމަށް ފަނޑިޔާރުން ބޭނުންވަނީ އެ ކޯޓުގެ ދެ ފަނޑިޔާރަކު ދާދިފަހުން ސުޕްރީމް ކޯޓަށް ބަދަލުކުރެވުމާ ގުޅިގެންނެވެ. މި ދެ ބޭފުޅުން އައްޔަންކުރުމުން ހައިކޯޓުގެ ފަނޑިޔާރުންގެ ޢަދަދު އަލުން ފުރިހަމަވާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.