ހުޅަނގު މޫސުމުގެ ބާރު ގަދަވަމުން ދިއުމާ ގުޅިގެން ކުރިއަށް އޮތް 24 ގަޑިއިރު މެދުރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާދީފިއެވެ. މިގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަކުރުމާއެކު ގުގުރުމުގެ ފުރުސަތު އޮތްކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.
ކުރިއަށް އޮތް ހަފްތާ ބަންދުގައި މުޅި ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެއެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ފ. ނިލަންދޫއަށް ކަމަށާއި، އެ ރަށަށް 77.5 މިލިލީޓަރުގެ ވާރޭ ވެހިފައިވާކަމަށް އެ އިދާރާއިން މަޢުލޫމާތު ދެއެވެ.
ވައިގެ ބާރުމިނާ ގުޅޭގޮތުން މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ، ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުމުގެ ފުރުސަތު އޮތްކަމަށް ލަފާކުރެއެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ކަނޑުތައް ގަދަވާނެކަމަށާއި، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިތުރަށް ފާހަގަކުރެއެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަކަމުން، ގަދަވަޔާއެކު ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި، ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އާންމުންނަށް އިލްތިމާސްކޮށްފައި ވެއެވެ.
ކޮމެންޓު ފޮނުވާ