ޖުޑީޝަލް ސާވިސް ކޮމިޝަނުން ހައިކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުކަމުގެ މަގާމަށް ދެ ފަރާތެއް އައްޔަންކޮށްފިއެވެ. މި ދެ ފަނޑިޔާރުން އައްޔަންކުރީ އިއްޔެ ރޭ ކުރިޔަށްދިޔަ އިންޓަވިއުތަކުގެ ފަހުންނެވެ.
ޖުލައި 10 ވަނަ ދުވަހު ޖޭއެސްސީން ކުރި އިއުލާނަށް ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް 18 ފަރާތަކުން ކުރިމަތިލާފައިވެއެވެ. އެހެންނަމަވެސް، ކުރިމަތިލި ފަރާތްތަކުގެ ނަންތައް ހާމަކުރީ އިއްޔެ އިންޓަވިއު ފެށުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ކަމަށް ވަނީ ފާހަގަކުރެވިފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އައްޔަންކުރެވުނު ދެ ފަނޑިޔާރުންގެ ތެރެއިން އެކަކީ މިހާރު ދަށު ކޯޓެއްގައި ފަނޑިޔާރެއްގެ ގޮތުގައި ޚިދުމަތްކުރާ ފަރާތެކެވެ. ދެވަނަ ފަރާތަކީ ސިޔާސީ މަގާމެއް ފުރަމުންދިޔަ މީހެއް ކަމަށް ވެސް މައުލޫމާތު ލިބިފައި ވެއެވެ. އެހެންނަމަވެސް، ޖޭއެސްސީން ނުވަތަ ހައިކޯޓުން އަދި ރަސްމީކޮށް މި ދެ ފަނޑިޔާރުންގެ ނަން ހާމައެއް ނުކުރެއެވެ.
މީގެ ކުރިން ޖޭއެސްސީން އަމަލުކުރަމުން އައީ، އިއުލާނުގެ މުއްދަތު ހަމަވުމުން ކުރިމަތިލި ފަރާތްތަކުގެ ނަންތައް އާންމުކޮށް އިއުލާންކޮށް، އޭގެ ފަހުން އިންޓަވިއު ކުރުމަށެވެ. ސުޕްރީމް ކޯޓަށް ފަނޑިޔާރުން ނެގުމުގައި ވެސް މިގޮތަށް އަމަލު ކުރަމުން އައިސްފައިވެއެވެ.
ކުރިމަތިލި ފަރާތްތަކުގެ ނަންތައް ޖޭއެސްސީން ރަސްމީކޮށް އިއުލާންކުރުމުގެ ކުރިން، 18 މީހުންގެ ލިސްޓު ސޯޝަލް މީޑިއާގައި ލީކުވެފައިވާ ކަމަށް ވަނީ ފާހަގަކުރެވިފައެވެ. ކުރިމަތިލި ފަރާތްތަކުގެ ތެރޭގައި ޖޭއެސްސީ މެންބަރު އަލީ އަބްދުއްލަތީފު ހިމެނޭކަން އެނގުނީ ވެސް ރަސްމީ އިއުލާނުންނެވެ.
ހައިކޯޓަށް ކުރިމަތިލި 18 ފަރާތުގެ ތެރޭގައި އަހްމަދު ނައުޝާދު، ހާފިޒާ އަބްދުއްސައްތާރު، އަޝްފާގު ނައީމް، މުހައްމަދު ފައްވާޒު، އަހްމަދު ޝުކޫރު، އިބްރާހިމް އަލީ، އިބްރާހީމް ނާސިހް، މުހައްމަދު ޝަހީދު، ހަސަން ފަހީމް އިބްރާހީމް، އާދަމް އާރިފް، މުހައްމަދު ޒާހިދު، ޝުޖާއު އުސްމާނު، އަހްމަދު ތައުފީގު، އަލީ އަބްދުއްލަތީފު، ސުލައިމާން މުހައްމަދު، މުހައްމަދު އިބްރާހީމް، ޢަބްދުﷲ ޖަމީލް މޫސާ އަދި މުހައްމަދު ރާގިބު އަހްމަދު ހިމެނެއެވެ.
ކޮމެންޓު ފޮނުވާ