ދިވެހި ވިޔަފާރިވެރިންނަށް ލަންކާގައި އިންވެސްޓްކުރުމުގެ ދައުވަތު ދެއްވައިފި

ދިވެހި ވިޔަފާރިވެރިންނަށް ލަންކާގައި އިންވެސްޓްކުރުމުގެ ދައުވަތު ދެއްވައިފި

Author
ހުސައިން
29 ޖުލައި 2025 09:34
0

ސްރީ ލަންކާގެ ރައީސް އަނުރާ ކުމާރަ ޑިސަނަޔަކެ، ދިވެހި ވިޔަފާރިވެރިންނަށް ލަންކާގެ އެކި ސިނާއަތްތަކުގައި އިންވެސްޓްކުރުމަށް ހާއްސަ ދައުވަތެއް ދެއްވައިފިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ރާއްޖެއަށް ކުރައްވަމުންދާ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅުގައި، އިއްޔެ ދެއްވި ބަޔާނެއްގައި ޑިސަނަޔަކެ މި ވާހަކަ ވިދާޅުވިއެވެ.

ލަންކާގައި އިންވެސްޓަރުންނަށް މިހާރަށްވުރެ ފަސޭހަ މާހައުލެއް ގާއިމުކުރުމަށްޓަކައި ސިންގަލް ވިންޑޯ ނިޒާމެއް ތައާރަފުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ޑިސަނަޔަކެ ފާހަގަކުރެއްވިއެވެ. މި ނިޒާމުގެ ސަބަބުން ބޭރުގެ އިންވެސްޓަރުންނަށް ލަންކާގައި ވިޔަފާރި ފެށުމާއި ހިންގުން ވަރަށް ބޮޑަށް ފަސޭހަވާނެއެވެ.

ރައީސް މުއިއްޒުއާ ބޭއްވި ބައްދަލުވުމުގައި، ލަންކާގައި ގާއިމުކޮށްފައިވާ ޒަމާނީ ޓެކްނޮލޮޖީ ޕާކުތަކުގައި ދިވެހި ވިޔަފާރިވެރިންނަށް ލިބެން ހުރި ފުރުސަތުތަކާ ބެހޭގޮތުން ތަފްސީލީ މަޝްވަރާތައް ކުރެވުނެވެ. އައިޓީ އާއި އޭއައި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ބާވަތްތައް ޕްރޮސެސް ކުރުން، ފަތުރުވެރިކަން، ރިއަލް އެސްޓޭޓް އަދި އުމްރާނީ ތަރައްގީގެ ދާއިރާތަކަކީ ދިވެހި އިންވެސްޓަރުންނަށް ވަރަށް ރަނގަޅު ފުރުސަތުތައް ހުރި ދާއިރާތަކެއް ކަމަށް ޑިސަނަޔަކެ ވިދާޅުވިއެވެ.

ފަތުރުވެރިކަމަކީ ދެ ގައުމުގެ އިގުތިސާދުގެ މައިގަނޑު އަސާސަކަށްވާތީ، މި ދާއިރާގައި ދެ ގައުމު ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުންވެސް ދެ ލީޑަރުން މަޝްވަރާކުރެއްވިއެވެ. ދެ ގައުމުގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއެރުވުމަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ދެ ފަރާތުންވެސް ފާހަގަކުރެއްވިއެވެ.

ޑިސަނަޔަކެގެ ދަތުރުފުޅުގެ ތެރޭގައި، ރާއްޖޭގައި ހުންނަ ލަންކާ ހައިކޮމިޝަނުން އިންތިޒާމުކޮށްގެން ބާއްވާ ބިޒްނަސް ފޯރަމެއްގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. މި ފޯރަމަކީ ދިވެހި ވިޔަފާރިވެރިންނަށް ލަންކާގައި ހުރި އިންވެސްޓުމަންޓު ފުރުސަތުތަކާ ބެހޭ ތަފްސީލީ މައުލޫމާތު ލިބިގަތުމަށް ވަރަށް ރަނގަޅު ފުރުސަތެކެވެ. ލަންކާ ސަރުކާރުގެ އިސް އޮފިޝަލުންނާއި، އެ ގައުމުގެ ވިޔަފާރިވެރިން މި ފޯރަމުގައި ބައިވެރިވެ، ދިވެހި ވިޔަފާރިވެރިންނާ ސީދާ މުޢާމަލާތްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.