ރައީސް ޔާމީންއަށާއި، އެމަނިކުފާނުގެ އާއިލާއަށް ނުހައްގުން ދެމުންދާ އަނިޔާގެ ޒިންމާ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ނަންގަވަން ޖެހޭނެކަމަށް އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރުގެ ޖޫރިމަނާއެއް މީރާއަށް ދެއްކުމަށް ހުކުމް ކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. ފަސް ފަނޑިޔާރުންގެ ބެންޗަކުން އެ ހުކުމް އިއްވީ ދައުލަތުން ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ މައްސަލާގަ އެވެ. އެމަނިކުފާނު ޖަލުގައި ހުންނަވާތާ އިއްޔެއަށް ވަނީ 400 ދުވަސް ވެފައެވެ.
ރައީސް ޔާމީން ޖަލުގައި ހޭދަ ކުރައްވާ ދުވަސްތަކާއި ގުޅިގެން މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ނުހައްގުން ނާއިންސާފުން ރައީސް ޔާމީން ޖަލަށް ލުމަށް ހުކުމްކޮށް، އެމަނިކުފާނަށް ދެމުންދާ އަނިޔާތަކުގެ ޒިންމާ ނަގަން ޖެހޭނީ މިސަރުކާރާއި، ރައީސް އިބްރާހިމް މުހައްމަދު ޞާލިހުކަމަށެވެ. އަދި އެމަނިކުފާނު ޖަލުގައި ހޭދަކުރައްވާ ދުވަސްތަކުގައި ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ އެތަކެއް ހައްގަކުން މަހުރޫމްކޮށް އައިލާއަށާއި އެމަނިކުފާނަށް ދެމުންދާ އަނިޔާތައް ބެލުމަށް ސައީދު ވަނީ އެޗްއާރުސީއެމް ޓެގުކޮށް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައެވެ.
ރައީސް ޔަމީން ނުހައްގުން ޖަލުގައި ބަހައްޓައިގެން، އެމަނިކުފާނަށާއި، އާއިލާއަށް ދޭ އަނިޔާގެ ޒިންމާ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ނަންގަވަން ޖެހޭނެ. ސަރުކާރުގެ ސީދާ ނުފޫޒުގެ ބޭނުންކޮށް ޤާނޫނު އަސަސީ އިން ކަނޑައެޅިފަިއވާ ހައްޤުތަކުން ރައީސް ޔާމީން ވަނީ މަހުރޫމްކޮށްފަ.
– ސައީދު ވިދާޅުވިއެވެ.
ރައީސް ޔާމީން ޖަލުގައި 400 އަށް ވުރެ ގިނަ ދުވަސް ހޭދަ ކުރައްވާފައިވާއިރު، އެމަނިކުފާނަށް ކޮށްފައިވާ ހުކުމާއި ގުޅިގެން އިސްތިއުނާފުގެ އަޑު އެހެންތައް ނިންމައި ހުކުމް ނުކޮށް އެތައް ދުވަހެއް ވަނީ ފާއިތުވެފައެވެ. ނަމަވެސް ސަރުކާރުން ވިދާޅުވަމުންދަނީ ޖުޑީޝަރީ މިހާރުވަނީ ވަރަށް ބޮޑަށް މިނިވަން ވެފައިކަމަށާއި، ޖުޑީޝަރިން އެއްވެސް މީހެއްގެ ހައްގެއް ގެއްލޭ ގޮތަކަށް މިހާރު އަމަލު ނުކުރާނެކަމަށެވެ.
ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވަން ތަޢާވަލުކުރި ދުވަހު އެމައްސަލަ ބައްލަވާ ޤާޒީ ހައިލަމް ވަނީ މައްސަލަ ބެލުމުން ދުރުކޮށް ސަސްޕެންޑްކޮށްފައެވެ. އަދި އެމައްސަލަ ފަހުން ބެއްލެވީ ފަނޑިޔާރު ޢަލީ ރަޝީދެވެ. ފަނޑިޔާރު ޢަލީ ރަޝީދު ވަނީ ހުކުމަށްފަހު ސުޕްރީމް ކޯޓްގެ ފަނޑިޔާރަކަށް އައްޔަން ކުރައްވާފައެވެ.
ރައީސް ޔާމީންގެ މައްޗަށް ކުރިއަށްގެންދާ ޝަރީއަތްތަކަށް ސަރުކާރުން ނުފޫޒު ފޯރުވާކަމަށާއި، އެމަނިކުފާނަށް ޤާނޫނުން ކަށަވަރުކޮށްދޭ ހައްގުތަކަށްވެސް ހުރަސް އަޅަމުން އަންނަކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
ކޮމެންޓު ފޮނުވާ