އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ރާއްޖަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާ ބައްދަލުކުރެއްވިއިރު، ދެ ގައުމުގެ ޕާލަމެންޓްރީ ގުޅުންތައް ބަދަހިކުރުމަށް ކުރެވޭ މަސައްކަތްތަކުގެ މުހިންމުކަން ފާހަގަކުރައްވައިފިއެވެ.
ކުރުނބާ އައިލެންޑް ރިސޯޓުގައި ބޭއްވި މި ބައްދަލުވުމުގައި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އިންޑިއާ-މޯލްޑިވްސް ޕާލަމެންޓްރީ ފްރެންޑްޝިޕް ގްރޫޕް އުފެއްދިފައިވާކަން މޯދީ ވަރަށް ބޮޑަށް ފާހަގަކުރައްވައި، މިއީ ދެ ގައުމުގެ ގުޅުން ހަރުދަނާކުރުމަށް އެޅޭ ވަރަށް ރަނގަޅު ފިޔަވަޅެއް ކަމަށް ވިދާޅުވިއެވެ.
ބައްދަލުވުމަށްފަހު މޯދީ ދިވެހި ބަހުން ކުރެއްވި ޓްވީޓެއްގައި، ދެ ގައުމުގެ އެކުވެރިކަމުގެ ގުޅުން އަދި ރައްޔިތުންގެ މަޖިލީހުތަކުގެ މެދުގައި އޮތް ގާތް ގުޅުން ފާހަގަކުރައްވައި، ރާއްޖޭގެ ގާބިލްކަން އިތުރުކުރުމަށް އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިއޮންނާނެކަމުގެ ޔަގީންކަން ދެއްވިއެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް، މޯދީގެ ޓްވީޓަށް ހިންދީ ބަހުން ޖަވާބުދެއްވަމުން ޕާލަމެންޓްރީ ފްރެންޑްޝިޕް ގްރޫޕް އުފެއްދުމަކީ ވަރަށް މުހިންމު އަދި މާނަހުރި މަސައްކަތެއް ކަމަށް ވިދާޅުވެ، ކުރިއަށް އޮތް ތަނުގައި މި ގުޅުމުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރު އުސްމިންތަކަކަށް ގެންދެވޭނެކަމުގެ އުންމީދު ފާޅުކުރެއްވިއެވެ.
މި ދަތުރުފުޅުގައި މޯދީ، ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުރުން އިދިކޮޅު އެމްޑީޕީގެ ވެރިންނާ ވެސް ބައްދަލުކުރެއްވިއެވެ. އިއްޔެ ރައީސް ޑރ. މުޙައްމަދު މުއިއްޒާއެކު ބޭއްވި ރަސްމީ ބައްދަލުވުންތަކުގައި، އިންޑިއާއިން ރާއްޖެއަށް އަސްކަރީ އުޅަނދާއި ސިއްހީ އެހީތަކެއް ފޯރުކޮށްދެއްވުމާއި، ދަރަނީގެ ގޮތުގައި ދައްކަންޖެހޭ ފައިސާއަށް ލުއިގޮތްތަކެއް ހަމަޖެއްސެވިއެވެ.
ރާއްޖޭގެ މިނިވަންކަމުގެ 60 އަހަރު ފުރޭ ދުވަހުގެ މުނާސަބަތުގައި މިއަދު ހަވީރު ބާއްވާ ޕެރޭޑު ބެއްލެވުމަށްފަހު، މޯދީ އިންޑިއާއަށް އެނބުރި ވަޑައިގަންނަވާނެއެވެ.
ކޮމެންޓު ފޮނުވާ